އެޗްޑީސީ

އެޗްޑީސީއަށް ނުލިބިވާ ފައިސާ ބިލިއަނަކަށް ވުރެ ގިނަ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުން އެ ކުންފުންޏައް ލިބެންޖެހޭ ފައިސާގެ އަދަދު 1.3 ބިލިއަން ރުފިޔާއަށް ވުރެ އިތުރުކަން ހާމަވެއްޖެ އެވެ.

މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި މިއަދު ކުރެވުނު މަޝްވަރާގައި މެމްބަރުން ވާހަކަ ދައްކަވަމުން ވިދާޅުވީ އެޗްޑީސީއަށް ލިބެންޖެހޭ ފައިސާގެ ތެރޭގައި މިހާރު އުވާލާފައިވާ އެއްބަސްވުންތަކަކުން ލިބެންޖެހޭ ފައިސާގެ ތެރެއިން 195 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ.

އެޗްޑީސީއަށް ބޮޑެތި އަދަދުތަކުން ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރީ މަތީފަންތީގެ ބޮޑެތި ވިޔަފާރިވެރިން ގުޅީފަޅާއި ތިލަފުށިން ކުއްޔަށް ނަގާފައިވާ ބިންތަކަށް ދައްކަންޖެހޭ ކުލީގެ ފައިސާ އެވެ.

އެންމެ ގިނަ ފައިސާ ދައްކަންޖެހޭ ކުންފުނި ތަކުގެ ލިސްޓުގައި ރާއްޖޭގެ މަޝްހޫރު ބޮޑެތި ވިޔަފާރި ކުންފުނިތަށް ހިމެނެ އެވެ.

މާލިއްޔަތު ކޮމެޓިން މިއަދު ނިންމާފައިވަނީ އެޗްޑީސީއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތް ތަކަށް ބަލައި މިފައިސާ ނުހޯދިއްޖެނެމަ ކުރިއަށް އޮތް ތަނުގައި އަޅަން ޖެހޭ ފިޔަވަޅުތައް ކޮމެޓީއަށް އެންގުމަށް ކުންފުންޏަށް އެންގުމަށެވެ. އަދި ބާތިލްކޮށްފައި ހުރި އެއްބަސްވުންތަކާ ގުޅިގެން މައްސަލަ ދިމާވެފައި ހުރި ބިންތަކުގެ މައްސަލަތައް ބަލައި އެ ބިންތަކުގެ މައްސަލަތައް ދެނެގަތުމަށްވެސް ކޮމެޓީން ވަނީ ނިންމާފަ އެވެ.