އެޗްޑީސީ

ގުޅިފަޅާއި ތިލަފުށި ފަޅުގައިވާ އުޅަނދުތައް ނެގުމަށް އުސޫލެއް

Mar 9, 2023

ގުޅިފަޅު އަދި ތިލަފުށި ފަޅު ތެރެއަށް ދޫކޮށްލާފައިވާ އުޅަނދުތަކާއި ތަކެތި ނަގާނެ އުސޫލެއް އެކުލަވާލައި މިއަދު އަމަލުކުރަން ފަށައިފި އެވެ.

އެޗްޑީސީ އިން މިފަދަ އުސޫލެއް އެކުލަވާލާފައި މިވަނީ ގުޅިފަޅު އަދި ތިލަފުށި ފަޅު ތެރެއަށް ދޫކޮށްލާފައިވާ އުޅަނދުތަކާއި ތަކެތި ނެގުމަށް އެޗްޑީސީން ތަކުރާރުކޮށް އާންމުކޮށް އިއުލާންކުރުމުންވެސް ބައެއް ފަރާތްތަކުން އެގޮތަށް އަމަލުކޮށްފައި ނުވާތީ އެވެ.

އެޗްޑީސީ އިން މިއަދު ބުނީ ގުޅިފަޅު އަދި ތިލަފުށި ފަޅު ތެރެއަށް ދޫކޮށްލާފައިވާ އުޅަނދުތަކާއި ތަކެތީގެ ސަބަބުން އެ ސަރަހައްދުގައި ހިންގުމަށް ރާވާފައިވާ އެކި މަޝްރޫއުތަކަށް ދަތިވަމުންދާ ކަމަށެވެ. އެހެންވެ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިއަދު ގެޒެޓްކުރި އުސޫލުގެ ނަމަކީ "ކ. ތިލަފުށްޓާއި ގުޅިފަޅުގެ ފަޅު ތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

އުޅަނދުތައް ނުނެގުމުގެ ސަބަބުން ތިމާވެއްޓަށް ވަރަށް ބޮޑަށް ގެއްލުންވަމުންދާ ކަމަށްވެސް އެޗްޑީސީ އިން ފާހަގަކޮށްފައިވެ އެވެ.

"ހަވާލާދެވިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުތަކަކީ ކޮބައިކަން ކަނޑައަޅާ އެ އުޅަނދުތައް ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް މި ކޯޕަރޭޝަނުގެ ފަރާތުން ކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ."

ގުޅިފަޅު އަދި ތިލަފުށި ފަޅު ތެރެއަށް އެއްވެސް ފަރާތަކުން އެއްވެސް އުޅަނދެއް ނުވަތަ އެއްވެސް އެއްޗެއް ދޫކޮށްލާފައިވާ އެޗްޑީސީގެ ކޯލް ސެންޓަރަށް ގުޅައި މައުލޫމާތު ސާފުކުރުމަށްފަހު އެތަކެތި ނެގުމަށްވެސް އެޗްޑީސީން އިލްތިމާސްކޮށްފައިވެ އެވެ.

ގުޅިފަޅު އަދި ތިލަފުށި ފަޅު ތެރެއަށް ދޫކޮށްލާފައިވާ އުޅަނދުތަކާއި ތަކެތި ނަގާނެ އެޗްޑީސީން އަންގަމުން މިދަނީ ގުޅިފަޅު ހިއްކުމަށް ސަރުކާރުން ތައްޔާރުވަމުންދާ ވަގުތެއްގަ އެވެ. އަދި މިސަރަހައްދުގައި ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.