ވިޔަފާރި

ޖީއެމްއައިޒެޑްއެލްގެ ހުރިހާ ޒިންމާތައް އެޗްޑީސީއަށް ބަދަލުކޮށްފި

Sep 22, 2020

ތިލަފުށި ހިންގަމުން ގެންދާ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ ހުރިހާ އިލްތިޒާމްތަކާއި ޒިންމާތައް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބަދަލު ކޮށްފި އެވެ.

ޖީއެމްއައިޒެޑްއެލްގެ ޒިންމާތައް އެޗްޑީސީއަށް ބަދަލު ކުރަން ނިންމީ ދެ ކުންފުނި އެއްކޮށްލަން ސަރުކާރުން މިދިޔަ މަހުގެ އެއްވަނަ ދުވަހު ނިންމުމާ ގުޅިގެންނެވެ. މި ބަދަލު ގެންނަން ނިންމައި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެ ކުންފުންޏަށް ފޮނުވި ސިޓީގައިވާ ގޮތުން މި ބަދަލާއެކު ޖީއެމްއައިޒެޑްއެލްގެ ޑިރެކްޓަރުންގެ އަދަދު ވެސް މަދު ކުރަން ޖެހެ އެވެ. މިހާރު އެ ކުންފުނީގައި ހަތް ޑިރެކްޓަރުން ތިއްބަވަ އެވެ. މި ބަދަލާއެކު ޑިރެކްޓަރުންގެ އަދަދު ފަހަކަށް މަދުވާނެ އެވެ.

މި ބަދަލާ ބެހޭ ގޮތުން، ޖީއެމްއައިޒެޑްއެލް އިން އިއްޔެ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނި ގޮތުގައި މި ބަދަލުގެ ސަބަބުން ޖީއެމްއައިޒެޑްއެލްގެ އެސެޓްސްތަކާއި ލައިބިލިޓީސް އަދި މުއައްޒަފުންނާއި އެއްބަސްވުންތަކާއި ކުންފުނީގެ މައްޗަށް އޮތް އިލްތިޒާމްތަކާއި ޒިންމާތައް އެޗްޑީސީއަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

ޖީއެމްއައިޒެޑްއެލް އިން ބުނެފައިވާ ގޮތުގައި ދެ ކުންފުނި އެއްކޮށްލީ މާލީ ގޮތުންނާއި އަދި ހިންގުމުގައި ލިބޭނެ ފައިދާ ތަކަށް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ. އަދި ހުޅުމާލެ އާއި ތިލަފުށި ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓާ މާލޭ އޭރިޔާ ތަރައްގީ ކުރަން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އެއް ކުންފުންޏެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށެވެ.

"ސަރުކާރުން އެކުލަވާލައްވާފައިވާ ސިޔާސަތުތަކާ އެއްގޮތަށް ހުޅުމާލެ، ގުޅިފަޅު އަދި ތިލަފުށި ތަރައްގީ ކުރުމުގެ މަސައްކަތްތައް އެޗްޑީސީ އިން ކުރިއަށް ގެންދާނީ ސަރުކާރުގެ މަޝްވަރާއާއި ލަފާގެ މަތިންނެވެ،" ޖީއެމްއައިޒެޑްއެލްގެ ސްޓޭޓްމަންޓެއްގައި ބުނެފައިވެ އެވެ.

އެޗްޑީސީ އާއި ޖީއެމްއައިޒެޑްއެލް އެއްކޮށްލަން ނިންމިއިރު، އެޗްޑީސީއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހުކޮޅު ކުންފުނި ހިންގަން ގެނައި ބަދަލާއެކު މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފަ އެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުނި މާލީ ގޮތުން ހަމައަކަށް އެޅޭނެ ކަމަށް ބެލެވެނީ 2021 ވަނަ އަހަރު އެވެ.