ވިޔަފާރި

ގްރޭޓާ މާލެ ކުންފުނި، އެޗްޑީސީއާ އެއްކޮށްލަނީ

Aug 10, 2020
1

ތިލަފުށި ހިންގަމުން ގެންދާ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އާއި ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެއްކޮށްލަން ނިންމައިފި އެވެ.

އެނގިފައިވާ ގޮތުގައި ޖީއެމްއައިޒެޑްއެލް އާއި އެޗްޑީސީ އެއްކޮށްލުމުގެ ގޮތުން ޖީއެމްއައިޒެޑްއެލްގެ ހިއްސާ އިން ބައެއް އެޗްޑީސީ އަށް ބަދަލުކުރަން ވަނީ ސިޓީއެއް މިއަދު އެ ކުންފުންޏަށް ފޮނުވާފަ އެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ފޮނުވި ސިޓީގައިވާ ގޮތުން ކުންފުނީގެ ޑިރެކްޓަރުންގެ އަދަދުވެސް މަދު ކުރަން ޖެހެ އެވެ. މިހާރު އެ ކުންފުނީގައި ހަތް ޑިރެކްޓަރުން ތިބެވެ. މި ބަދަލާއެކު ޑިރެކްޓަރުންގެ އަދަދު ފަހަކަށް މަދުވާނެ އެވެ.

ސަރުކާރުގެ މި ނިންމުމާއެކު ދެ ކުންފުނި އެއްކޮށްލުމަށްފަހު، ލީޑް ކުރާނީ އެޗްޑީސީން ކަމަށް އެނގިފައިވެ އެވެ.

ނަމަވެސް، ޖީއެމްއައިޒެޑްއެލް އާއި އެޗްޑީސީ އެއްކޮށްލުމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީން ރަސްމީކޮށް އަދި ބަހެއް ލިބިއެއް ނުވެ އެވެ.

ތިލަފުށީގެ މަސައްކަތް ބަލަހައްޓާ ކުންފުންޏާ ހުޅުމާލެ ބަލަހައްޓާ ކުންފުނި އެއްކޮށްލަން ނިންމާފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ދަނީ ހަރަދު ކުޑަ ކުރަން ފިޔަވަޅު ތަކެއް އަޅަމުންނެވެ. އަދި ސަރުކާރު ކުންފުނިތައް މަދުކޮށް ވިޔަފާރި ކުރުން މަދު ކުރުމަކީ ވެސް މި ސަރުކާރުގެ ސިޔާސަ ތަކެއް ކަމަށް ކުރިން ބުނެފައިވެ އެވެ.

ޖީއެމްއައިޒެޑްއެލް އާއި އެޗްޑީސީ އެއްކޮށްލަން ނިންމާފައިވާއިރު ޖީއެމްއައިޒެޑްއެލްގެ އެމްޑީ އިބްރާހިމް ރަޝީދު (އިބޫ) އަށް ވަނީ މީގެ ކުރިން ކޮރަޕްޝަންގެ ތުހުމަތު ތަކެއް މިދިޔަ އަހަރުގެ ފަހުކޮޅު ފެންމަތިކޮށްފަ އެވެ. އަދި އެ މައްސަލާގައި އޭނާ މަޖިލީހަށް ޖަވާބުދާރީވެސް ވެފައިވެ އެވެ.