ރައީސް އޮފީސް

ދައުލަތާ ދެކޮޅަށް ދައުވާކޮށްފައި ވަނިކޮށް ރާގިބު މަގާމުން ވަކިކޮށްފި

އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހްމަދު، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ރައްދުވާ ގޮތަށް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށް އޭނާ މިއަދު މަގާމުން ވަކިކޮށްފި އެވެ.

ކުރިން ގާޒީ ކަންވެސް ކުރައްވާފައިވާ ރާގިބު ހައިކޯޓަށް ހުށަހެޅީ ދުސްތޫރީ މައްސަލަ އެކެވެ. އެއީ ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭން ނިންމާފައިވާ ނިންމުން ބާތިލްކުރުމުގެ މައްސަލަ އެކެވެ.

ރާގިބް ހުށަހަޅާފައިވާ މައްސަލައިގައި ތުހުމަތު ކުރައްވާފައިވާ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލުން ސިޓީއެއްގެ ދަރަޖަ ހޯދީ އެ ރަށުގެ އާބާދީ އޮޅުވާލައިގެން އަދި ހަގީގަތެއް ނެތް ލިޔުންތަކެއް ހުށަހަޅައިގެންނެވެ.

ރައީސް އޮފީހަށް ރައްދުވާ ގޮތަށް ރާގިބު މައްސަލައެއް ކޯޓަށް ހުށަހަޅާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ސިޔާސީ މަގާމު ތަކުގައި ތިއްބަވައިގެން، ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް، ރާގިބު ވަކާލާތު ކުރެއްވި މައްސަލައެއްގައި ހައިކޯޓުން ކަނޑައަޅާފައި ވަނިކޮށެވެ.

ހައިކޯޓުން މިގޮތަށް ކަނޑައެޅީ، ކުޑަކުއްޖަކާއި އެކު ޖިންސީ އަމަލެއް ހިންގިކަމުގެ ކުށް ސާބިތުވެފައިވާ މީހެއް ދިފާއު ކުރުމުގައި ވަކީލެއްގެ ގޮތުގައި ރާގިބު ކޯޓަށް ވަޑައިގެންނެވި މައްސަލައެއްގައެވެ.