ދުނިޔެ

އިންޑިއާގެ "ސީރިއަލް ކިލާ" މަރުގެ އަދަބުން ސަލާމަތްވެއްޖެ

ކުޑަކުދިން މެރުމާއި ރޭޕް ކުރުމުގެ ކުށުގައި މަރުގެ ފަސް އަދަބު އައިސްފައިވާ އިންޑިއާ މީހާ މަރުގެ އަދަބުން ސަލާމަތްވެއްޖެ އެވެ.

"ސީރިއަލް ކިލާ" ގެ ނަމުން މަޝްހޫރުވެފައިވާ ސުރިންދަރު ކޯލީ ނަމަކަށް ކިޔާ އެ މީހާއަކީ ކުޑަކުދިން މެރުމާއި ރޭޕް ކުރުމުގެ އެތައް ކުށަކާ ގުޅިގެން ފަސް ފަހަރަށް މަރުގެ ހުކުމް އައިސްފައިވާ މީހެކެވެ. ނަމަވެސް އެ އަދަބުތަކުން އޭނާ ސަލާމަތްވީ އައްލާއާބާދުގެ ހައި ކޯޓުން އޭނާގެ މަރުގެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށް ދިނުމުންނެވެ.

އެ ކޯޓުން ނިންމީ ސުރިންދަރުގެ މަރުގެ އަދަބު ތަންފީޒު ނުކޮށް މާ ގިނަ ދުވަސްވެފައިވާ ކަމަށެވެ. ކުޑަކުދިން މެރުމާއި ރޭޕް ކުރުމުގެ އިތުރު މައްސަލަތަކެއް ވެސް ސުރިންދަރާ ދެކޮޅަށް ކޯޓުގައި މިހާރު ވެސް އެބައޮތެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ގޮތުން މަރުގެ އަދަބު ތަންފީޒު ނުކޮށް މާ ގިނަ ދުވަސް ވަންދެން ޖަލުގައި ބެހެއްޓުމަކީ އެ މީހެއްގެ މަރުގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރެވިދާނެ ކަމެކެވެ. އެ ނިންމުމާ ގުޅިގެން އެ ގައުމުގެ ކޯޓުތަކުން ދަނީ ގިނަ ބައެއްގެ މަރުގެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމްތަކަށް ބަދަލުކޮށް ދެމުންނެވެ.

އެގޮތުން 1991 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ރަޖީވް ގާންދީ އަވަހާރަކޮށްލުމުގައި ބައިވެރިވުމުގެ ކުށުގައި މަރަން ހުކުމްކޮށްފައި ތިބި ތިން މީހުން ވެސް ވަނީ މިދިޔަ އަހަރު މަރުގެ އަދަބުން ސަލާމަތްވެފަ އެވެ.