ލައިފްސްޓައިލް

ގްރީކް ޔޯގަޓްގެ އާދަޔާހިލާފު ފައިދާތައް

ފިހާރަތަކުން ލިބެން ހުންނަ އެހެން ހުރިހައި ވައްތަރުތަކެއްގެ ޔޯގަޓަށް ވުރެ ގްރީކް ޔޯގަޓްގެ ރޭޓިން މަތިވެފައި އެއަށް އޮހޭ ތައުރީފު ބޮޑުވުމުގެ ސިއްރަކީ މިއީ އެވެ. އާދައިގެ ޔޯގަޓަށް ވުރެ ބޯކޮށް ހުންނަ މި ގްރީކް ޔޯގަޓަކީ އެހެން އުފެއްދުންތަކަށް ވުރެ ތަފާތު ޕްރޮސެސިން އުކުޅުތަކެއް ބޭނުންކޮށްގެން އޭގެ ތާސީރުކޮޅު އާންމުންނާ ހަމަ އަށް ގެނެސްދެވޭ ޔޯގަޓެކެވެ.

މިސާލަކަށް، ގްރީކް ޔޯގަޓް ދަޅެއް ކަނޑާލައިގެން އެއިން ރަހަ ބަލައިލިޔަސް ވާދަވެރި އެހެން ޔޯގަޓްގެ ބްރޭންޑްތަކާ ގްރީކް ޔޯގަޓް ތަފާތުކަން އޭގެ ރަހަ އާއި ކްރީމީ ޓެކްސްޗާ އިން ވެސް ފާހަގަކުރެވޭނެ އެވެ. އެކަމަކު ގްރީކް ޔޯގަޓްގެ ވާަހަކަ އަދި މިހައި ހިސާބުން ނިމުނީކީއެއް ވެސް ނޫނެވެ.

ލޭގެ ޕްރެޝާ ދަށްކޮށްދޭ

އެނގޭ ހެއްޔެވެ؟ ބައެއް ވައްތަރުގެ ޔޯގަޓްގެ ބްރޭންޑްތަކަކީ އޭގައި ފުދޭވަރަކަށް ގަދަ އަށް ސޯޑިއަމްގެ މާއްދާ ހިމެނޭ އުފެއްދުންތަކެވެ. މިސާލަކަށް ގްރީކް ޔޯގަޓާ އަޅާކިޔާ ނަމަ އެފަދަ އެހެން ޔޯގަޓްގެ ވައްތަރުތަކުގައި ސޯޑިއަމްގެ ނިސްބަތް ދެ ގުނަ އަށް އިތުރުވެ އެވެ. ސިއްހީ ގޮތުން ބަލާއިރު މިއީ އެހާ ރަނގަޅުކަމެއް ނޫނެވެ.

އެވަރަށް ސޯޑިއަމް އިތުރުވުމަކީ ލޭގެ ޕްރެޝާ މަތިކުރުމަށް މަގުފަހިކުރުވާ ކަންކަމަށް ބާރުދޭނެ ކަމެކެވެ. އާންމުކޮށް، ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ނަގަން ޖެހޭ ސޯޑިއަމްގެ ނިސްބަތް މިގޮތަށް ފަހަނަޅައިދާކަމުގައި ވަނީ ނަމަ ހިތުގެ ބަލިތަކުގެ ނުރައްކަލަށް ހުށަހެޅޭ ފަދަ ސިއްހީ މައްސަލަތަކާ ވެސް ކުރިމަތިލާން ޖެހިދާނެ އެވެ.

ސަތޭކަ ގްރާމްގެ ނޮން-ފެޓް ގްރީކް ޔޯގަޓްގައި ހިމެނެނީ 36 މިލިގްރާމްގެ ސޯޑިއަމް އެވެ. ދުވާލެއްގެ މައްޗަށް 2،300 މިލިގްރާމަށް ވުރެ ގިނައިން ސޯޑިއަމް ހަށިގަނޑަށް ނުނެގުމަށް ސިއްހީ ތަޖުރިބާކާރުން ލަފާ ދެ އެވެ.

ހަޖަމުކުރުމުގެ ނިޒާމަށް ފަސޭހަކޮށްދޭ

ކެއުމުގައި ނުވަތަ ޑައެޓަށް ގްރީކް ޔޯގަޓް އިތުރުކުރުމަކީ ހަގީގަތުގައި ވެސް އޭގެ އެތައް ފައިދާއެއް ކުރާނެ ކަމެކެވެ. ވަކިން ހާއްސަކޮށް ހަޖަމުކުރުމުގެ ނިޒާމަށް ކުރާ ފައިދާ ވެސް ވަރަށް ބޮޑެވެ. ޔޯގަޓްގައި ހިމެނޭ ލައިވް އެކަމަކު ރަގަޅު ބެކްޓީރިއާއެއް ކަމުގައިވާ ޕްރޯބައޯޓިކްސް އަކީ އޭގެ ކުޅަދާނަކަން ދައްކައިގެން ހަޖަމުކުރުމުގެ ނިޒާމުގައި ތެޔޮދަމައިދޭ ބެކްޓީރިއާއެކެވެ.

މިއީ ގަޓްގައި އުފެދޭ ނުރައްކާތެރި ބެކްޓީރިއާތައް ސައިޒްކޮށް އެ ހިސާބުގަނޑުގައި އަމަން ބަލަހައްޓައިދޭ ބެކްޓީރިއާ އެވެ. ޕްރޯބައޯޓިކްސް މީގައި ހިމެނުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމް ވެސް ވަރުގަދަކޮށްދެ އެވެ.

ބަނޑުހައިނުވެ ގިނައިރު ހިފަހައްޓާލެވޭނެ!

އާދައިގެ ޔޯގަޓަށް ވުރެ ގްރީކް ޔޯގަޓްގައި ޕްރޮޓީންގެ ބާރު މާ ގަދަ އެވެ. މީގެ އިތުރުން ފްލެވާޑް ޔޯގަޓްގެ ބަދަލުގައި ޕްލެއިން ޔޯގަޓް އިހްތިޔާރުކޮށްފި ނަމަ ހަކުރުގެ ނިސްބަތް ހަށިގަނޑަށް ނެގޭ މިންވަރު ވެސް ދެބައިކުޅަ އެއްބަޔަށް ދަށްކޮށްދެ އެވެ. ގާތްގަނޑަކަށް، 100 ގްރާމްގެ ޕްލެއިން، ނޮންފެޓް ގްރީޓް ޔޯގަޓް ދަޅަކުން 10 ގްރާމްގެ ޕްރޯޓީން ލިއްބައިދެ އެވެ.

ގިނައިން ޕްރޮޓީން ނެގުމަކީ މީހާ ވަރުބަލިނުވެ ނުވަތަ ބަނޑުހައިނުވެ ގިނައިރު ބަހައްޓައިދޭނެ ކަމެކެެވެ. ސަބަބަކީ ޕްރޮޓީން ޑައިޖެސްޓްކުރަން ގިނައިރު ބޭނުންވާތީ އެވެ.

ބަރުދަން ވެސް ލުއިކޮށްދޭ!

ޔަގީނަށް ވެސް މިއީ އެންމެ ގިނަ މީހުން އުފާކޮށްދޭނެ ޚަބަރެވެ. ވަރަށް ގިނަ މީހުންނަކީ ފަލަވުމުގެ ސަބަބުން ބަރުދަން ލުއިކުރަން ނިކަން ބޭނުންވެފައި ތިބޭ މީހުންނެވެ. ރަނގަޅު ޑައެޓެއް ބޭނުންވެފައި ތިބޭ މީހުންނެވެ. އެފަދަ ފަރާތްތަކުގެ ޑައެޓްގައި ގްރީކް ޔޯގަޓް ހިމެނިދާނެ އެވެ.

މިއީ ދުވާލެއްގެ މައްޗަށް ނެގޭ ކެލޮރީގެ އަދަދު ވަކި ހިސާބެއްގައި ކޮންޓްރޯލްކުރަން ބޭނުންވާ މީހުންނަށް ކޮންމެހެން ވެސް މުހިންމު އެއްޗެކެވެ. ބަރުދަން ވަކި ހިސާބެއްގައި ހިފެހެއްޓުމަށް ނުވަތަ ދަށްކުރުމަށް ބޭނުންވާ މީހާ އަށް ވެސް ގްރީކް ޔޯގަޓްގެ ބޭނުން ނިކަން ރަނގަޅަށް ހިފިދާނެ އެވެ.

ސިކުނޑި އަށް ވެސް ފިނިކަމެއް

ގްރީކް ޔޯގަޓްގައި ވިޓަމިން ބީ12 ހިމެނެ އެވެ. އާންމުކޮށް މިއީ އެނިމަލް ޕްރޮޑަކްޓްސްތަކުން ފެންނަ މާއްދާއެކެވެ. ނޮން ފެޓް ޕްލެއިން ގްރީކް ޔޯގަޓްގެ 100 ގްރާމްގެ ދަޅަކުން މި ވިޓަމިންގެ ގާތްގަނޑަކަށް 13 ޕަސެންޓް ހަށިގަނޑަށް ފޯރުކޮށްދެ އެވެ. ސިކުނޑި އަދި ނާވަސް ސިސްޓަމްގެ ދުޅަހެޔޮކަމަށާއި ފުރިހަމަކަމަށް ދުވާލެއްގެ މައްޗަށް އެވަރު ފުދެ އެވެ.

ގްރީކް ޔޯގަޓްގައި ހިމެނޭ މި ވިޓަމިންގެ ސަބަބުން ހަށިގަނޑުގެ ސެލް ޕްރޮޑަކްޝަން ލެވެލް ވެސް މަތިކޮށް ހަންގަނޑު އޮމާންކޮށް ރީތިކޮށް ވެސް ދެ އެވެ.