ސަރުކާރުން އެއްބާރުލުން ނުދީގެން ނުބޭއްބި ދިގުލައިދާ އެފްއޭއެމުގެ އިންތިހާބު އަންނަ މޭ މަހުގެ 31ގެ ކުރިން ނުބޭއްވިއްޖެނަމަ އޮޓެމިޓަކުން ރާއްޖެ ސަސްޕެންޑްވާގޮތަށް ފީފާއިން ނިންމައިފި އެވެ.
އެންމެ ފަހު ފުރުސަތާއެކު ރާއްޖެ އަށް 74 ދުވަހުގެ މުހުލަތެއް ދޭން ފީފާއިން ނިންމީ ނިންމީ ރާއްޖޭގެ މައްސަލަ އެސޯސިއޭޝަންތަކާ ބެހޭ ފީފާގެ ކޮމިޓީގައި ބަހުސްކޮށް ނިންމި ނިންމުމަށް އެގްޒެކެޓިވް ކޮމިޓީން ތާއީދުކޮށްގެންނެވެ.
ފީފާއިން ނެރުނު ނޫސްބަޔާނުގައިވަނީ ފީފާއިން އިސްލާހު ކުރި ގޮތަށް އެފްއޭއެމުގެ އަސާސީ ގަވާއިދު ފާސްކޮށް މޭމަހުގެ 31ގެ ކުރިން އިންތިހާބު ބާއްވަންދެން މިހާރުގެ ނޯމަލައިޒޭޝަން ކޮމިޓީ ދެމިއޮންނާނެ ކަމަށެވެ.
އަދި އެކޮމިޓީ އަށް މިހާރުގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް އާއި ފާތިމަތު ނަސްމާ ނިޔާޒް ވަނީ ހަމަޖައްސާފަ އެވެ. މި ކޮމިޓީގައި ދެން ތިއްބަވާނީ ޑރ. އަހުމަދު ޝަކީބާއި އަލީ އުމަރާއި އަބުދުލް ހަމީދު އަބުދުލްގަފޫރު (އައްޑޯ) އެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު އިތުރުކޮށް އާ މެމްބަރުންތަކެއް އައްޔަންކުރި ނަމަވެސް ކޮމިޓީގެ ޗެއާމަނަކަށް މިހާތަނަށް ހުންނެވި މުހައްމަދު ޝަވީދު ހިމެނިވަޑައިނުގަންނަވާނެ އެވެ. އޭނާ ވަނީ ކޮމިޓީގައި ދެން ނުހުންނަވާނެ ކަމަށް ފީފާ އަށް އަންގާފަ އެވެ.
އެފްއޭއެމުގެ އިންތިހާބު ނުބޭއްވި ތިން ފަހަރަކަށް ވަނީ ފަސްވެފަ އެވެ. އަދި އެންމެ ފަހުން ފާސްކުރި އަސާސީ ގަވާއިދުގައި ފީފާގެ ރިފޯމް އެޖެންޑާއަ ހިލާފު ކަންތައްތަކެއް ހުރުމުން ފީފާއިން ވަނީ އެ ގަވާއިދު ބަލައިނުގެންފަ އެވެ. ސަބަބަކީ އަންހެން މެމްބަރަކަށް ފުރުސަތު ނެތުމާއ އިންޓަރެސްޓް ގްރޫޕްތަކަށް ވޯޓުލުމުގެ ފުރުސަތުނުދީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބަށް ދެ ވޯޓު ލެވޭގޮތަށް ހަމަޖެއްސުމުންނެވެ. އިންޓަރެސްޓް ގްރޫޕްތަކުގެ ގޮތުގައި ފީފާއިން ބަލާފައިވަނީ ފުޓްސަލް އާއި ރެފްރީޒް އެސޯސިއޭޝަން ފަދަ އެސޯސިއޭޝަންތަކާއި މިނިވަން50ގެ މުބާރާތުގައި ވާދަކުރި ޓީމުތަކަށެވެ.