ރައްޔިތުންގެ މަޖިލިސް

ނިޔުޝާ އާއި ފިލްޒާ އަދި ތަލްހަތު މަގާމަށް އަލުން އައްޔަންކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ މަގާމުގައި ހުންނެވި ފާތިމަތު ނިޔުޝާ އާއި ކައުންސެލް ޖެނެރަލްގެ މަގާމުގައި ހުންނެވި ފާތިމަތު ފިލްޒާ އަދި ސާޖެންޓް އެޓް އާމްސްގެ މަގާމުގައި ހުންނެވީ މޭޖަ (ރޓޑ) ތަލްހަތު ހަސަން އެ މަގާމަށް އަލުން އައްޔަންކޮށްފި އެވެ.

ނިޔުޝާ އާއި ފިލްޒާ އަދި ތަލްހަތު މަގާމަށް އަލުން އައްޔަން ކުރެއްވުމުން ވަނީ އަހުދުގެ ލިޔުމުގައި ސޮއިކުރައްވާފަ އެވެ.

އެ ބޭފުޅުން މަގާމުގައި ބަހައްޓަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

ނިޔުޝާ މަގާމުގައި ބަހައްޓަން ފެންނަ ކަމަށް 79 މެންބަރުން ވޯޓު ދެއްވިއިރު ފިލްޒާ މަގާމުގައި ބަހައްޓަން ފެންނަ ކަމަށް 80 މެންބަރުން އަދި ތަލްހަތު މަގާމުގައި ބަހައްޓަން ފެންނަ ކަމަށް 80 މެންބަރުން ވޯޓު ދެއްވި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އެ ގަވާއިދަށް އަމަލުކުރަން ފަށާތާ ދެ ދައުރު ހަމަވުމުގެ ކުރިން މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު ހިނގަމުންދާ މަޖިލީހުގެ އަމީންއާންމާއި މަޖިލީހުގެ ކައުންސެލް ޖެނެރަލް އަދި ސާޖެންޓް އެޓް އާމްސްގެ މަގާމަށް މީހުން އައްޔަންކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.