އަމިއްލަ ރިޓަޔަމެންޓް ސްކީމް ހިންގާ ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުން އަލަށް ރިޓަޔަވާ މުވައްޒަފުންނަށް މަހުން މަހަށް ދޭ އެލަވަންސްތައް ނުދޭން ނިންމި ނިންމުން ސަރުކާރުން އުވާލައިފި އެވެ.
ރިޓަޔަމެންޓް ސްކީމަށް ސަރުކާރުން އެންމެ ފަހުން ގެނައި ބަދަލަށް އަމަލުކުރަން ނިންމާފައި އޮތީ ކުރިއަށް އޮތް ޖެނުއަރީ އެއްވަނަ ދުވަހު އެވެ.
ނަމަވެސް ފިނޭންސްގެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރިޓަޔަމަންޓް ސްކީމަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން އެތައް ބައެއްގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ހުރުމާ ގުޅިގެން އަލަށް ރިޓަޔަވާ މުވައްޒަފުންނަށް މަހުން މަހަށް ދޭ އެލަވަންސްތައް ނުދޭން ނިންމި ނިންމުން މިހާރު އުވާލާފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓަރު އަދި ނޭޝަނަލް ޕޭ ކޮމިޝަންގެ ރައީސް މޫސާ ޒަމީރު ސޮއި ކުރައްވާ ދައުލަތުގެ އިދާރާތަކަށް ކުރިން ފޮނުއްވި ސިޓީއެއްގައި އޮތީ އަމިއްލަ ރިޓަޔަމެންޓް ސްކީމު ހިންގާ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް މަހުން މަހަށް ލިބޭ އަދަދު އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަނޑާލުމަށް އަންގަވާފަ އެވެ.
ފިނޭންސް މިނިސްޓްރީން އޭރު ބުނީ އަސާސީ ޕެންޝަން ނިޒާމުގެ ބޭރުން ވަކިވަކި އިދާރާތަކާއި މުއައްސަސާތަކުން ހިންގާ ޕެންޝަން ސްކީމުގެ ދަށުން ގަނޑުކޮށް އަދި ހިދުމަތުގެ މުއްދަތަށް ބަލައިގެން މަހުން މަހަށް މުޅި އުމުރަށް ފައިސާ ދިނުމަކީ ޑަބަލް ޕެންޝަން ކަމަށެވެ.
ޑަބަލް ޕެންޝަން ނުލިބޭ ގޮތަށް ނިޒާމަަށް ބަދަލު ގެންނަން ކުރިންވެސް ސަރުކާރަށް ލަފާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ކުރިން ބުންޏެވެ.
ވަކިވަކި ޕެންޝަން ސްކީމްތައް ހިންގާ ދައުލަތުގެ 13 މުއައްސަސާއެއް ފިނޭންސް މިނިސްޓްރީގެ ލިސްޓްގައި އޮތްއިރު މީގެތެރޭގައި ސިފައިންނާއި ފުލުހުންގެ އިތުރުން ޖުޑިޝަރީ ހިމެނެ އެވެ.