ހަބަރު

މަހާސިންތާއިން އުފެދޭނީ "ވައިރަސް"ތަކެއް ފަދަ ކުޅަދާނަ ލީޑަރުން: މުއާޒު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ކެމްޕެއިންކޮށްދޭނެ ލީޑަރުން ބިނާކުރަން މެޑަމް ފާތިމަތު އިބްރާހިމް އިސްނަންގަވައިގެން ފެށި މަހާސިންތާގެ ތިން ވަނަ ބުރު މިރޭ ނިމޭއިރު 1200 އަށްވުރެ ގިނަ މީހުން ތަމްރީންކޮށްފައިވާ ކަމަށް ރައީސް ޔާމީން ކެމްޕެއިން އޮފީހުން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ފެށި މަހާސިންތާގެ ތިން ވަނަ ބުރުގެ ބައްދަލުވުންތަކާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން މަހާސިންތާގެ މީޑިއާ ކޯޑިނޭޓާ މުއާޒް އިބްރާހިމް ވިދާޅުވީ، މަހާސިންތާގެ ތިންވަނަ ބުރު މިއަދު ހަވީރު ހައެއް ޖަހާއިރު ނިންމާލާނެ ކަމަށެވެ. މަހާސިންތާގެ ތިން ބުރުން ވެސް ކުރިއަށްދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށާއި މަހާސިންތާގެ މަގުސަދު ހާސިލްވި ކަމަށެވެ.

މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު ބާއްވަނީ މިރޭ 9:30 ގަ އެވެ. ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ އެެވެ.

މުއާޒް ވިދާޅުވީ، މަހާސިންތާގެ ތިން ބުރުން 1200 އަށްވުރެ ގިނަ މީހުން ތަމްރީންވެގެން އާންމުންގެ ތެރެއަށް ނުކުންނައިރު އެމީހުން ވާނީ ރައީސް ޔާމީންގެ ސިޔާސަތުތައް ވައިރޯޅިއެއް ފަދައިން މުޅި ރާއްޖެއަށް ފަތުރާލަ ދޭނެ "ވައިރަސް" ތަކަކަށް ކަމަށެވެ. އެހެންކަމުން އެއީ ރައީސް އަބްދުﷲ ޔާމީނަށް 2018 ކާމިޔާބުވާނެ ކަމުގެ އުންމީދު އާކޮށްދޭ ފެހި ސިގުނަލެއް ކަމަށެވެ.

ދަރުބާރުގޭގައި ރޭ ކުރިއަށްދިޔަ މަހާސިންތާގެ ތިންވަނަ ބުރުގެ ދެވަނަ ސެޝަނުގައި ރައީސް ޔާމީން ވަނީ އެތަނަށް ވަޑައިގެން ބައިވެރިންނާ ބައްދަލުކުރައްވާފައެވެ. އެމަނިކުފާނުގެ ޒިޔާރަތްޕުޅުގައި، ސަރުކާރުގެ ސިޔާސަތުތަކާއި ސިޔާސީ ދާއިރާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ތަޖުރިބާ ބައިވެރިންނާއި ހިއްސާކުރައްވާފަ އެވެ. އަދި މެންބަރުންނަށް އެކި ކަންކަމާއި ބެހޭގޮތުން އެމަނިކުފާނާއި ސުވާލުކުރުމުގެ ފުރުސަތުވެސް ދެއްވާފަ އެވެ.

މުއާޒް ވިދާޅުވީ ކެމްޕޭން ލީޑަރުން ބިނާކުރުމުގެ މަހާސިންތާ މިއަދު ނިމުނަސް، ކުރިއަށް އޮތްތަނުގައި ވެސް 2018 ގެ އިންތިހާބާއި ގުޅިގެން ޕްރޮގްރާމްތައް ރައީސް ޔާމީން ކެމްޕޭން އޮފީހުން ހިންގާނެ ކަމަށެވެ. ދެން ބާއްވާ ބައްދަލުވުންތައް ބާއްވާނީ އެކި ކެޓަގަރީ ތަކުގެ މީހުންނަށް ކަމަށް ވެސް ވިދާޅުވި އެވެ.

"ވަކި ދުވަހެއް އެހެން ދަންނަވާކަށް ނޭނގެ އަޅުގަނޑަކަށް އަދި. އެކަމަކު އަދިވެސް އަޅުގަނޑުމެން ބާއްވާނަން މިކަހަލަ މަހާސިންތާތައް. ދެން ބާއްވާނީ އެކަމަކު ވަކި ގްރޫޕްތަކަށް ވަކިން. މިސާލަކަށް ސަރުކާރުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ވަކި ޕްރޮގްރާމެއް ގޮތަށް،" މުއާޒް ވިދާޅުވި އެވެ.