ވިޔަފާރި

ދިރާގުން ދިއްދޫއަށް 4ޖީގެ ހިދުމަތް ދޭން ފަށައިފި

Mar 19, 2016
  • ރާއްޖޭގެ ބޮޑު ބަޔަކަށް 4ޖީގެ ހިދުމަތް ދެމުންދޭ
  • ތްރީޖީގެ ހިދުމަތް މުޅިރާއްޖެއަށް ލިބޭ
  • ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތް ތަކެއް

ރާއްޖެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ކަމަށްވާ ދިރާގުން ހއ.ދިއްދޫގައި 4ޖީގެ ހިދުމަތް ދޭން ފަށައިފި އެވެ. މުޅިރާއްޖެއަށް ތްރީޖީގެ ހިދުމަތް ދެމުން ގެންދާ ދިރާގުން ބުނީ ދިއްދޫއަށް 4ޖީގެ ހިދުމަތް ދޭން ފެށުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މިކަމަށް ހއ. ދިއްދޫގައި މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ސިނާނާއި، ކައުންސިލަރުންނާ، އަދިވެސް ރަށުގެ ތަރައްގީއަށް މަސައްކަތްކުރައްވާ އިސް ބޭފުޅުންނާއި، ދިރާގުގެ ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރުގެ މެނޭޖަރ މުހައްމަދު ހަސަންއާއި، ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދް ޖަލީލެވެ.

ދިރާގުގެ 4ޖީ-އެލްޓީއީގެ ހިދުމަތް ރަސްމީކޮށް ލޯންޗުކޮށްދެއްވީ ދިއްދޫގެ ކައުންސިލްގެ ރައީސް އިބްރާހީމް ސިނާނެވެ. މިކަމަށް ބޭއްވުނު ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އިބްރާހީމް ސިނާނު ވިދާޅުވީ 4ޖީ-އެލްޓީއީ ހިދުމަތުގެ ސަބަބުން ރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށާއި، ޒުވާނުންގެ ކުރިއެރުމާއި ތައުލީމަށްވެސް ބޮޑެތި ކުރިއެރުންތަކެއްލިބިގެން ދާނެ ކަމެއްކަމުގައެވެ. އަދި އިންޓަނެޓުގެ ހިދުމަތް ބޭނުންކުރާ ފަރާތަކަށް ޒިންމާދާރު އުސޫލުތަކުގެ މަތިން މިހިދުމަތް ބޭނުން ކުރެއްވުމަށް ނަސީހަތްތެރިވެ ދިރާގުން މިފަދަބޮޑު ހިދުމަތައް ދިއްދޫގެ ރައްޔިތުންނަށް ފަހިކޮށްދެއްވިކަމަށްޓަކައި ޝުކުރުދެންނެވިއެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން، ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދު ޖަލީލު ވިދާޅުވީ ދިއްދޫއަކީ އާބާދީ ބޮޑު، ސްމާރޓް ޑިވައިސަސް ގިނަ އަދަދަކަށް ބޭނުންކުރާ މީހުނެ ދިރިއުޅޭ ރަށެއްކަމުން، ދިއްދޫއަށް ދިރާގުގެ ފޯޖީ ހިދުމަތް ތައާރަފުކުރެވުމުގެ ޝަރަފު ލިބުމަކީ ދިރާގަށް ލިބުނު ވަރަށްބޮޑު އުފަލެއްކަމުގައި ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން މިއަހަރުގެ ތެރޭގައި އިތުރު ގިނަ ރައްތަކަކަށް ދިރާގު 4ޖީގެ ހިދުމަތް ފުޅާ ކުރަން ރާވާފައިވާކަމުގެ ޔަގީންކަންދެއްވި އެވެ. އަދި ހަލުވި ސްޕީޑްގައި އިންޓަރނެޓް ލިބިގެން ދިޔުމުން ރަށުގެ ހުރިހާ މުއައްސަސާތަކާ، ރަށަށް ޒިޔާރަތްކުރާ ފަރާތްކަތަކަށްވެސް އިތުރު ކުރިއެރުމާ ލުއި ފަސޭހަތައް ލިބިގެންދާނެކަން ވެސް ފާހަގަ ކުރެއްވި އެވެ.


ދިރާގުން ދަނީ ރާއްޖޭގެ 50 ޕަސެންޓަށްވުރެ ބޮޑު ބަޔަކަށް ފޯޖީގެ ހިދުމަތް ދެމުންނެވެ.

ދިރާގުން ފޯޖީގެ ހިދުމަތް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުމަށް ގެންދާ މަސައްކަތްތަކުގެ ދަށުން އެ ކުންފުނިން ވަނީ ގއ. ވިލިނގިލި، ގދ ތިނަދޫ، ހދ. ކުޅުދުއްފުށި އަދި ޅ. ނައިފަރަށް ފޯޖީގެ ހިދުމަތް ދެމުން ގެންދެ އެވެ.

ދިރާގުން ދަނީ ޓެލެކޮމިއުނިކޭޝަން ހިދުމަތް ފުޅާކުރުމަށް ބޮޑެތި ހޭދަތަކެއް ކުރަމުންނެވެ.