ހަބަރު

އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތައް ނެރު ކެނޑުމުގެ މަސައްކަތް ފަށައިފި

އިންޑަސްޓްރިއަލް ވިލެޖް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ޓީޖެޓީއާ ދިމާލު ފަޅަށް ވަނުމަށް މުޅިން އާ ނެރެއް ކެނޑުމުގެ މަސައްކަތް ފަށައިފި އެވެ.

ޓީޖެޓީއާ ދިމާލުން ތޮށިގަނޑު ބޭރަށް ޖެއްސުމުގެ މަސައްކަތާއި ނެރު ކެނޑުމުގެ މަސައްކަތަށް ފަހު ދެން އޮންނާނީ ބިން ހިއްކުމުގެ މަސައްކަތެވެ.

އެ މަޝްރޫއު ހިންގާ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގް ހަލީމް އަވަސްއަށް ވިދާޅުވީ މިހާރު އެސަރަހައްދު ހިއްކުމަށް ޓަކައި އެސަރަހައްދު ވަށައިގެން ތޮށިލުމުގެ މަސައްކަތާއި ކުރަން ފަށާއިފަވާ ކަމަށާއި އެނޫންނަމަ ހިއްކާވަރަކަށް ވެލިގަނޑު ފައިބާނެ ކަމަށެވެ. އަދި ތޮށިގަނޑޫ ބޭރަށް ޖެއްސުމުގެ މަސައްކަތް ވެސް ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށް ހަލީމް ވިދާޅުވި އެވެ.

"ޓެޓްރޮޕޮޓްސްތައް ފަހަތައްޖައްސާފަ އެތަނުގައި ވެސް ޝީޓްޕައިލް ކޮށްފަ ބޮޑު ހިލަ ޖަހާނެ ވަރަށް އަވަހަށް. ދެން ބިން ހިއްކުމުގެ މަސައްކަތް މި ބަލަނީ އަންނަ މަހު ފަހު ކޮޅަށް ފެށޭނެ ކަމަށް،" ހަލީމް ވިދާޅުވި އެވެ.

ހައިސިން މިނިސްޓްރީ އިން ބުނީ އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް ނިމުމުން ކޮންސްޓްރަކްޝަން ގެ މަސައްކަތްތައް އަދި ކުނި ކޮއްޓާއި ބޮޑެތި ގަރާޖު ނުވަތަ ވޯކްޝޮޕް ފަދަ ތަންތަން ވެސް އެސަރަހައްދަށް ބަދަލު ކުރާނެ ކަމަށެވެ. ދައުލަތުގެ ބަޖެޓުން 159 މިލިއަން ރުފިޔާ ހަރަދުވާ މި ޕްރޮޖެކްޓަކީ މިއަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ހިންގާ އެއް ޕްރޮޖެޓު ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.