ހަބަރު

އަރަބި ގައުމުތަކުގެ ކޯޑިނޭޝަން ގްރޫޕްގެ ބައްދަލުވުމެއް މެއި މަހު ރާއްޖޭގައި

އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ފައިސާ ދެއްވުމަށް ނިންމެވި އަރަބި ގައުމުތަކުގެ 'ޖޮއިންޓް ކޯޑިނޭޝަން ގްރޫޕް'ގެ ބައްދަލުވުމެއް މެއި މަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވުމަށް އެއްބަސްވެއްޖެ އެވެ.

އެގޮތަށް އެއްބަސްވެފައިވަނީ، އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ އެހީ ހޯދުމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ސައުދީ އަރަބިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ފައުޒީ އޯލިއާން އަލް-ސައުދު އަދި އެޑްވައިޒަރ އަބްދުﷲ އަލް-ސިދުގީ އެކު ބޭއްވުނު މަޝްވަރާތަކުގަ އެވެ. ސައުދީ ފަންޑުން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ދޭ 100 މިލިއަން ޑޮލަރުގެ ލޯނު އެގްރީމަންޓްގައި ސޮއިކުރުން އަވަސް ކުރުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.

'ޖޮއިންޓް ކޯޑިނޭޝަން ގްރޫޕް'ގެ ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ މަޝްރޫއުގެ "ޓާމިނަލް ބިލްޑިން'' ގެ ޓެކްނިކަލް އަދި ފައިނޭންސިން ޕްލޭންއާ ބެހޭގޮތުން ކޯޑިނޭޝަން ގްރޫޕް މެންބަރުންގެ މެދުގައި އެއްބަސްވުމަކަށްއައުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ސައުދީ ފަންޑުގެ އިތުރުން މިނިސްޓަރު ވަނީ، ސައުދީ އަރަބިޔާގެ މިނިސްޓަރު އޮފް ފިނޭންސް ހިޒްއެކްސެލެންސީ އިބްރާހީމް ބިން އަބްދުލްއަޒީޒް އަލް-އައްސާފް އާއި ބައްދަލުކުރައްވާފަ އެވެ.

ސައުދީ އަރަބިޔާގެ މިނިސްޓަރު އޮފް ފިނޭންސް ހިޒްއެކްސެލެންސީ އިބްރާހީމް ބިން އަބްދުލްއަޒީޒް އަލް-އައްސާފް އާއެކު ބޭއްވި ބައްދަލުވުމުގައި އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް އެހީތެރި ވެދެއްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. އަދި މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ އަލަށް އުފެއްދެވި އިސްލާމިކް ފައިނޭންސް ސެންޓަރު ތަރައްގީ ކުރުމަށާއި އަމަލީ މަސައްކަތްތައް ފަށައިގަތުމަށް ބޭނުންވާ ފަންނީ އެހީތެރިކަމަށް އެދި ސައުދީ އަރަބިޔާގެ މިނިސްޓަރު އޮފް ފިނޭންސް ހިޒްއެކްސެލެންސީގެ އަރިހުގައި، މިނިސްޓަރު ޖިހާދު ވަނީ އެދިވަޑައިގެންފަ އެވެ.

ސައުދީ ފަންޑުގެ އެހީގެ ދަށުން ކުރިއަށްދާ ޔޫތުސިޓީ ތަރައްގީކުރުމުގެ މަޝްރޫއަށް ދީފައިވާ، 80 މިލިޔަން އެމެރިކާ ޑޮލަރާއި، "އެއަރޕޯޓް ޕްރޮޖެކްޓް" އަށް ދޭން ނިންމި، 100 މިލިޔަން ޑޮލަރުގެ އިތުރުން ރާއްޖޭގެ ތަރައްގީއަށް އިސްކަންދޭ އިތުރު މަޝްރޫއުތަކަށް ފައިސާ ދޫކުރައްވަން ވަނީ ނިންމައިފަ އެވެ.