ޑރ. މުހައްމަދު މުއިއްޒު

މާދަމާއިން ފެށިގެން މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ޖަމާވާނެ: ރައީސް

މަސްވެރިން މިފްކޯއަށް ކިރާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި މާދަމާ އިން ފެށިގެން ދެން ފައިސާ ޖަމާވަމުންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފި އެވެ.

ރައީސް މިކަން އިއުލާން ކުރެއްވީ މިއަދު ކ. ގާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މަސްވެރިން މިފްކޯއަށް ކިރާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއާއި ގުޅޭ މަސައްކަތްތައް ހަރުދަނާކޮށް ތަރައްގީކުރަން ބޭނުންވަނީ މަސްވެރިންނާ ކަމާ ގުޅޭ ހުރިހާ ފަރާތްތަކެއްގެ ކަންބޮޑުވުންތަކާ ހިޔާލުތައް އަޑުއަހައިގެން ކަމަށެވެ. ވެރިކަމަށް ވަޑައިގެންނެވިއިރު މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ މަސްވެރިން މިފްކޯޯއަށް ކިރުވާ މަހަށް ދޭންޖެހޭ ފައިސާ ދިނުން ވަރަށް ބޮޑަށް ލަސްވެފައި އޮތުން ކަމަށް ވިދާޅުވި އެވެ.

ވެރިކަމަށް އެމަނިކުފާނު ވަޑައިގެންނެވިއިރު 250 މިލިއަނެއްހާ ރުފިޔާ މަސްވެރިންނަށް ނުދީ ހުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށްފަހު އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވީ އެ ފައިސާ މަސްވެރިންނަށް ދިނުމަށް ކަމަށެވެ. މަސްވެރިންނަށް ނުދީ ހުރި 250 މިލިއަނެއްހާ ރުފިޔާއާއި އަދި މިވެރިކަމުގައި މަސްވެރިން މިފްކޯއަށް ކިރާފައިވާ މަހާ އެކު މިވެރިކަމުގައި ޖުމްލަ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް މިހާރު ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދުގެ ނިޔަލަށް މަސްވެރިންނަށް ނުދީ އޮތް 38 މިލިއަން ރުފިޔާ މިއަދު ޖަމާކޮށްދީފައިވާތީ މަސްވެރިންނަށް ނުދީ އެއްވެސް ފައިސާއެއް މިހާރު ނުހުންނާނެ ކަމަށެވެ.

އެ 38 މިލިއަން ރުފިޔާ މިއަދު ދާދި ދެންމެ އަކު ވަނީ އޮޑިވެރިންނަށް ޖަމާކޮށްދެވިފައި. އެއީ ބީއެމްއެލްގައި އެކައުންޓް ހުރި 196 ބޭފުޅަކަށް 32.4 މިލިއަން ރުފިޔާ އަދި އެމްއައިބީގައި އެކައުންޓް ހުރި 20 އޮޑިވެރިޔަކަށް 5.6 މިލިއަން ރުފިޔާ. 38 މިލިއަން ރުފިޔާ އެއީ މިހާތަނަށް މިދިޔަ ދެ ހަފްތާ ތެރޭގައި ދޭން ހުރި ފައިސާ. އެހެންވީމާ ބެކްލޮގް ނިމުނީ އިރާދަކުރެއްވިއްޔާ ދެނެއް ބެކްލޮގެއް ނާންނާނެ
ޑރ. މުހައްމަދު މުއިއްޒު | ރައީސުލްޖުމްހޫރިއްޔާ

ރައީސް މުއިއްޒު ވިދާޅުވީ މިހާރުގެ އަމާޒަކީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް މަސްވެރިން މަސް ކިރާތާ ގިނަވެގެން 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުން ކަމަށެވެ. އެކަން އެގޮތަށް ހަމަޖެއްސުމަށްޓަކައި ފިނޭންސް މިނިސްޓްރީއާއި ބީއެމްއެލް އަދި މިފްކޯއާ ދެމެދު އިއްޔެ ވަރަށް މުހިއްމު އެއްބަސްވުމެއް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ. އެ އެއްބަސްވުމުގެ ނަތީޖާއެއްގެ ގޮތުން މާދަމާ އިން ފެށިގެން ގިނަވެގެން 48 ގަޑިއިރު ތެރޭގައި ބީއެމްއެލްގައި ހުޅުވާފައިވާ މަސް އޮޑިތަކުގެ ވެރިންގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރާނެ ކަމަށް ވިދާޅުވި އެވެ.

އިރާދަކުރެއްވިއްޔާ މާދަމާ އިން ފެށިގެން މަސްވެރިންނަށް އަޅުގަނޑުވީ ވައުދު ފުއްދެމުންދާނެ. ބީއެމްއެލްގައި އެކައުންޓް އޮތް މަސް ދޯންޏެއް ކަމުގައިވިއްޔާ އެ ދޯންޏަކުން މަސްކިރާތާ 48 ގަޑިއިރު ތެރޭގައި އެ ދޯނީގެ އެކައުންޓަށް ފައިސާ ޖަމާވަމުންދާނެ މާދަމާއިން ފެށިގެން އިރާދަކުރެއްވިއްޔާ 48 ގަޑިއިރު ތެރޭގައި
ޑރ. މުހައްމަދު މުއިއްޒު | ރައީސުލްޖުމްހޫރިއްޔާ

މަސް އޮޑިވެރިން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އެކައުންޓް ހުޅުވާފައިވާނަމަ ފައިސާ ޖަމާވުން ކުޑަކޮށް ލަސްވެދާނެ ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެމްއައިބިއާ ވާހަކަދައްކައިގެން އެކަންވެސް އަވަސްކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެސްޓީއޯގެ ރޭޓުގައި މަސް ދޯނިތަކަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީވެސް ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރައީސް މިއަދު ވިދާޅުވި ގޮތުގައި މިވައުދު ފުއްދުމުގެ މަސައްކަތް ކުރަނީ އަންނަ އަހަރު ނިމުމުގެ ކުރިން އަންނަ އަހަރުގެ ކޮންމެ މަހެއްގައިވެސް ކޮންމެވެސް އެއް އަތޮޅެއްގައި އެސްޓީއޯގެ ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދީގެން ކަމަށެވެ. މިވައުދު ފުއްދަށް ފެށުމުގެ ގޮތުން މާދަމާ އިން ފެށިގެން ހަތަރު ތަނަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ގަންނަން މަސްވެރިންނަށް ފުރުސަތު ލިބޭނެ ކަމުގައި ރައީސް ވިދާޅުވި އެވެެ.

"މާދަމާ އިން ފެށިގެން ކ. ހިންމަފުށި، ގއ. ކޫއްޑޫ، ޅ. ފެލިވަރު އަދި އައްޑޫ ސިޓީ ހުޅުމީދޫ، މިހަތަރު ރަށުން އެސްޓީއޯ ނޫނީ ފިއުލް ސަޕްލައި މޯލްޑިވްސްގެ ސައިޓްތަކުން މާދަމާ އިން ފެށިގެން އެސްޓީއޯ ރޭޓްގައި ތެޔޮ ލިބޭނެ މަސްވެރިންނަށް

ކ. ހިންމަފުށި، ގއ. ކޫއްޑޫ، ޅ. ފެލިވަރު އަދި އައްޑޫ ސިޓީ ހުޅުމީދޫ، މިހަތަރު ރަށުން އެސްޓީއޯ ނޫނީ ފިއުލް ސަޕްލައި މޯލްޑިވްސްގެ ސައިޓްތަކުން މާދަމާ އިން ފެށިގެން އެސްޓީއޯ ރޭޓްގައި ތެޔޮ ލިބޭނެ މަސްވެރިންނަށް. އަދި އޭގެއިތުރަށްވެސް ކޫއްޑޫއާއި ފެލިވަރުގައި ހުރި މިފްކޯގެ ވެސަލްތަކުން ވެސް އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އެސްޓީއޯ އިން ދަނީ މަސައްކަތްތައް ކުރަމުންކަން އަޅުގަނޑު ދަންނަވާލަން ބޭނުން
ޑރ. މުހައްމަދު މުއިއްޒު | ރައީސުލްޖުމްހޫރިއްޔާ

މަސްވެރިކަން ކުރާ ފަރާތްތަކުގެ ދަފްތަރެއް ހެދުމަކީވެސް ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިފަދަ ދަފްތަރެއް އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ މަސްވެރިކަމަކީ ދައުލަތުން ބަލައިގަންނަ އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ކަނޑައެޅުމާއި މަސްވެރިކަމަކީ ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއަކަށް ހެދުމެވެ. އޭރުން ވަޒީފާ އަދާކޮށްގެން މަހުން މަހަށް މުސާރަ ލިބޭ މީހުންނަށް ބޭންކްތަކުން ލިބޭ ލޯނާއި، މާލީ އިދާރާތަކުން ދޫކުރާ އެކި ސްކީމުތަކުގެ ތެރެއިން ތަކެތި ގަނެ ބަހާލައިގެން ފައިސާ ދެއްކޭ އުސޫލުން މަސްވެރިންނަށްވެސް އެ އިންތިޒާމުތައް ހަމަޖެހިގެންދާނެ އެވެ.

މަސްވެރިންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފެށީ މިއަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހު އެވެ.

ރައީސް ވިދާޅުވީ މަސްވެރިންގެ ދަފްތަރުގައި ވަރަށް ގިނަ މަސްވެރިން ޖެހެމުންދާ ކަމަށާއި އެހެންކަމުން އެންމެ ލަސްވެގެން މިހަފްތާގެ ބުރާސްފަތި ދުވަހު މަސްވެރިންގެ ދަފްތަރާ ބެހޭ ގަވައިދު ގެޒެޓް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ. މާލީ އިދާރާތަކުގައި މަސްވެރިންގެ ދަފްތަރު ރަޖިސްޓަރީ ކުރުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރާތަކުން މިހާރު ކުރަމުންދާ ކަމަށާއި އެކަން ހަމަޖެހުމާއެކު އެހެން ވަޒީފާތަކުގައި އުޅޭ މީހުން ފަދައިން މަސްވެރިންނަށްވެސް ބޭންކްތަކާއި މާލީ އިދާރާތަކުން ލޯނާއި ސްކީމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެހެންވީމާ މި ބުރާސްފަތި ދުވަހުން ފެށިގެން އިރާދަކުރެއްވިއްޔާ މަސްވެރިންގެ ދަފްތަރާ ބެހޭ ގަވައިދު ގެޒެޓް ކުރެވުނީމާ ބޭންކް އޮފް މޯލްޑިވްސް އާއި އެމްއައިބީ އިންނާއި އެސްޓީއޯ އިންނާ މަސްވެރިންނަށް އެހެން ވަޒީފާތަކުގައި އުޅޭ މީހުންނަށް އޮތް ފުރުސަތުތައް ލިބިގެންދާނެ
ޑރ. މުހައްމަދު މުއިއްޒު | ރައީސުލްޖުމްހޫރިއްޔާ

ރައީސް އިތުރަށް ވިދާޅުވީ މަސްވެރިން ބާނާ މަސް ރައްކާކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ސްޓޯރޭޖު ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައްވެސް ހިނގަމުންދާ ކަމަށެވެ. އަދި ދޯނިތަކުގައި މަސް ފިނިކޮށްފައި ބެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށްޓަަކައި ލޯން ފެސިލިޓީވެސް ހަމަޖައްސައިދެމުންދާނެ ކަމަށް ވިދާޅުވި އެވެ. އަދި ރަށްރަށުގައި ހުރި އައިސްޕްލާންޓްތައް މަސްވެރިން ބޭނުންވާނަމަ އެ ރަށެއްގެ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ވިސްނުން އޮތް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.