އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ފަޒުލް މިއަދުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވަނީ އަވަސްއަށް ޔަގީންކޮށްދެއްވާފަ އެވެ.
ފަޒުލް، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އޭނާގެ މައްޗަށް ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި ކުށްތަކެއްގައި ތުހުމަތުކުރެވި ދައުލަތުގެ އިދާރާތަކުން އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ވަގުތެއްގައެވެ.
މިމައްސަލަތައް ފެންމަތިވުމާ ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ފަޒުލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ ތުހުމަތުކުރެވޭ ހުރިހާ ކަމަކަށްވެސް އިންކާރުކުރައްވާފަ އެވެ. އަދި އެކަންކަމަށް ޖަވާބުދާރީވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ފަޒުލް އިތުރަށް ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރަނީ އަގުވައްޓާލުމުގެ ގޮތުންނެވެ.
އެޗްޑީސީގައި ފަޒުލް ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތައް ބޮޑުވީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކު ގޯތި ލިބުނު ކަމަށް ހަދައިގެން ލިޔުންތަކެއް އުފެއްދި މައްސަލަތަކާ އެކު އެވެ. އެފަދަ ލިޔުންތަކެއް އުފެއްދި ކަމަށް ބެލެވޭ މީހުންގެ ތެރޭގައި ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދު ހިމެނެ އެވެ.
މިމައްސަލައިގެ ތަހުގީގު ހިނގަމުންދާތީ ފަޒުލް އާއި ފަޒީލް ހިމެނޭހެން އެޗްޑީސީއާއި ހައުސިން މިނިސްޓްރީގެ އޭރާއި މިހާރުގެ އިސްވެރިންތަކެއް ހިމެނޭ ގޮތަށް ޖުމްލަ 20 ބޭފުޅެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ.