ހަބަރު

ބޭރުގެ ޕީއާރް ފާމަކާއެކު މިހާރު މަސައްކަތެއް ނުކުރަން: ސަރުކާރު

Mar 20, 2016
1
  • ޕޮޑެސްޓާ އާއި އޮމްނިއާގެ އެއްބަސްވުން ވަނީ ނިމުމަކަށް ގެނެސްފައި
  • އެ ކުންފުނިތަކަށް ފައިސާ ދެއްކި ގޮތާ މެދު ސުވާލު އުފެދިފައިވޭ
  • ޕީއާރު ފާމެއް ނެގުމުގެ ހިޔާލެއް މިހާރު ނެތް

ބޭރުގެ އެއްވެސް ޕީއާރް ފާމަކާއެކު ރާއްޖެއިން މިހާރު މަސައްކަތް ނުކުރާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ. ކޮމަންވެލްތްގެ ސީމެގާއި އެހެން ވެސް ދުނިޔޭގެ އެކި ފަރާތްތަކުން ކުރިމަތިވި ޕްރެޝަރުތަކާ ހުރެ، އިނގިރޭސިވިލާތުގެ ޕީއާރު ފާމް އޮމްނިއާ ސްޓްރެޓެޖީ އަދި އެމެރިކާގެ ލޮބީ ގްރޫޕެއް ކަމަށްވާ، ޕޮޑެސްޓާގެ ލަފަޔާއި އެހީތެރިކަން ހޯދުމަށް ސަރުކާރުން ވަނީ އެގްރިމަންޓްތަކެއް ހަދައިގެން މަސައްކަތް ކޮށްފަ އެވެ.

އެގޮތުން އޮމްނިއާ އެކު ހެދި 420،000 ޕައުންޑްގެ އެއްބަސްވުން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ނިމުމަކަށް ގެނެސްފަ އެވެ. ޕޮޑެސްޓާ ގްރޫޕާ އެކު ހެދި ހަ މަސްދުވަހުގެ އެއްބަސްވުމުގެ މުއްދަތު މި މަހުގެ ހަތެއްގައި ހަމަވާ ގޮތަށް އޮތް ނަމަވެސް، އެ އެއްބަސްވުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ ހަމައިން ނިމުމަކަށް ގެނެސްފައިވާކަން އެ ކުންފުނިން އެމެރިކާގެ ކަމާ ގުޅޭ ފަރާތްތަކަށް ހުށަހަޅާފައިވާ ރިޕޯޓްތަކުން އެނގެ އެވެ. އެހެން ނަމަވެސް މުއްދަތުގެ ކުރިން އެގްރިމަންޓް ނިމުމަކަށް ގެނައި ސަބަބެއް ނޭނގެ އެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވެސް ވަނީ އެ އެގްރިމަންޓް ނިމުމަކަށް ގެނައިކަން އަވަސް އަށް ކަށަވަރުކޮށްދީފަ އެވެ. އޭނާ ވިދާޅުވީ ބޭރުގެ އެއްވަސް ޕީއާރުފާމަކާ އެކު ރާއްޖެއިން މިހާރު މަސައްކަތް ނުކުރާ ކަމަށެވެ. އަދި ޕީއާރު ފާމެއް ނެގުމަށް އިތުރު މަޝްވަރާތަކެއް ނުކުރެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި ޕީއާރު ފާމްތަކާ އެކު ހެދި އެއްބަސްވުންތަކަށް ސަރުކާރުން ހަރަދު ކުރި އަދަދެއް ވެސް އޭނާ ވިދާޅެއް ނުވި އެވެ. އޮފިޝަލް އަދި ވިދާޅުވީ ޕީއާރުފާމަކާ އެކު މަސައްކަތް ކުރަން ޖެހޭ ހާލަތެއް ކުރިމަތިވެއްޖެ ނަމަ މަސައްކަތް ކުރާނެ ކަމަށެވެ.

"މިވަގުތު އަދި ޕީއާރުފާމަކާ އެކު މަސައްކަތެއް ނުކުރޭ. އަދި ފާމެއް ހަޔަ ކުރުމުގެ މަސައްކަތެއް ވެސް ކުރިއަކަށް ނުދޭ،" އޮފިޝަލް ވިދާޅުވި އެވެ.

ޕޮޑެސްޓާ ގްރޫޕްގެ ލިޔުންތަކުން އެނގޭ ގޮތުގައި، ރާއްޖޭގެ މައްސަލަތަކުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓާއި އެހެން ވެސް ސިޔާސީ ފަރާތްތަކާއި ބައެއް މީޑިއާގެ ވަސީލަތްތަކާ އެކު އެ ކުންފުނިން ވަނީ މަސައްކަތްކޮށްފަ އެވެ. މީގެ ކުރިން ހާމަކޮށްފައިވާ އެގްރިމަންޓްގައިވާ ގޮތުގައި ޕޮޑެސްޓާ އަށް ފީއެއްގެ ގޮތުގައި ދައްކަން ޖެހެނީ މަހަކު 50،000 ޑޮލަރެވެ. އޭގެ ތެރެއިން ސަރުކާރުން ދެއްކި އަދަދެއް ނޭނގެ އެވެ. އިނގިރޭސިފާމް އޮމްނިއާގެ އެހީތެރިކަން ރާއްޖެއިން ބޮޑަށް ހޯދީ ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އދ ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަށް ހުށަހަޅާފައިވާ މައްސަލައިގައި ގާނޫނީ ލަފާތަކެކެވެ. މި ދެ ކުންފުންޏާ އެކުވެސް އެގްރިމަންޓް ހަދައި ފައިސާ ދެއްކީ އެމްއެމްޕީއާރުސީ އިން ކަމަށް ވެސް ލިޔުންތަކުން އެނގެ އެވެ.

އެ ކުންފުނިތަކަށް ފައިސާ ދެއްކި ގޮތާ މެދު ބޮޑެތި ސުވާލުތައް މީގެ ކުރިން ކުރިމަތިވެފައިވެ އެވެ.