މޯލްޑިވްސް ޕޮލިސް ސާވިސް

މަކަރާއި ހީލަތުން ހޯދި 10،000 އަށް ވުރެ ގިނަ ރުފިޔާ ވެރިފަރާތްތަކާ ހަވާލުކޮށްފި

މީހެއްގެ ވައިބަ އާއި ފޭސްބުކް އެކައުންޓުގެ ކޮންޓްރޯލް ހޯދައި، އެ މީހާގެ ނަމުގައި އެކި މީހުންނަށް މެސެޖުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން އަތުލި ފައިސާތަކެއް ހޯދައި ވެރިފަރާތްތަކާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ މިމަހުގެ 13 ވަނަ ދުވަހު ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން، ފައިސާތައް ހޯދުމަށް ހެންވޭރު ޕޮލިހާއި ސައިބަ ސެންޓަރުގެ ފުލުހުން ގުޅިގެން ކުރި މަސައްކަތުން ހަ ގަޑިއެއްހާއިރުގެ ތެރޭގައި ފައިސާތައް ހޯދުނު ކަމަށެވެ. އެގޮތުން އެކި މީހުން ފައިސާ ޖަމާކޮށްފައިވާ ތިން އެކައުންޓުގެ ވެރިފަރާތް ހޯދައި ދެނެގަނެ 10،700 ރުފިޔާ ހޯދާފައިވެ އެވެ.

މި މައްސަލައާ ގުޅިގެން މާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު، އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާ ސްލިޕްތަކަކާއި ކޭޝްކާޑު ތަކަކާއި ދިރާގު އަދި އުރީދޫ ސިމްތަކެއް ފެނުނު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. ނަމަވެސް ބަލައި ފާސްކުރި ތަނުގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އެކަމަކު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.