މާލޭގެ އެކި ކެފޭތަކަށް ވަދެ ގުރޫޕް މާރާމާރީތަކެއް ހިންގާފައިވާތީ އެ މައްސަލަތައް ތަހުގީގު ކުރަން ފަށައިފި އެވެ.
އެގޮތުން ފުލުހުން ތަހުގީގު ކުރާ ހަތަރު މައްސަލައެއްގެ މައުލޫމާތު އެ އިދާރާ އިން މިއަދު ވަނީ މީޑިއާއާ ހިއްސާކޮށްފަ އެވެ.
މީގެތެރެއިން އެއް މައްސަލަ އަކީ މިމަހުގެ 12 ވަނަ ދުވަހު ލެޓްސްގޯ ކެފޭއަށް ބަޔަކު ވަދެ ގެއްލުން ދިން މައްސަލަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި އެ ތަނަށް ވަނީ ހަރުކަށި ފިކުރުގެ ބައެކެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ އަނެއް ތިން މައްސަލައަކީ ރޭގެ އެކި ވަގުތުތަކުގައި ހިންގާފައިވާ ގުރޫޕް މާރާމާރީތަކެކެވެ.
އެގޮތުން ހެލްމެޓް އަޅައިގެން ސައިކަލުތަކެއްގައި ދިޔަ ބަޔަކު ވަނީ މާފަންނު ސަހަރާ ކައިރީގައި ހުންނަ ދިރިޕަބްލިކް ކެފޭ ތެރެއަށް ރޭގެ ވަގުތެއްގައި ވަދެ ހަމަނުޖެހުން ހިންގާ ތަކެއްްޗަށް ގެއްލުން ދިން މައްސަލަ އެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ ރޭގެ ދެވަނަ މައްސަލައަކީ ސައިކަލެއްގައި ދިޔަ ހަ މީހަކު، ކިންޒާ ކެފޭ ކުރިމަތީ ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލަ އެކެވެ. އަދި ފިލިގަސްމަގުގައި ހުންނަ ނޫރު މިސްކިތް ކައިރީގައި ބަޔަކު ރޭގެ ވަގުތެއްގައި މާރާމާރީ ހިންގި މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނީ މި މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް މި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރުކުރި ކަމަކަށް އަދި ނުބުނެ އެވެ.