ރާއްޖެ ކުޅިވަރު

މާޒިޔާގެ ހިތްވަރަށް "ސެލިއުޓް" ނަގަން ޖެހޭ

ޕީޕަލްސް ކަޕްގެ ފައިނަލްގައި ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 5-4 އިން މޮޅުވެ، މެލޭޝިއާގެ ޕީޑީއާރްއެމް މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، އެ މެޗުގައި މާޒިޔާގެ ފަރާތުން ފެނުނު ހިތްވަރަށް ތައުރީފް ހައްގު ކަމަށް ޕީޑީއާރްއެމްގެ ކޯޗު މުހައްމަދު ފައުޒީ ބުނެފި އެވެ.

ޕީޑީއާރްއެމް އިން 3-0ގެ ލީޑެއް ނަަގައިފައިވަނިކޮށް، މާޒިޔާ އިން ވަނީ މެޗުގެ ފުރިހަމަ ވަގުުތު ހަމަވުމުގެ ކުރިން ފަހަތުން އަރައި މެޗު އެެއްވަރުކޮށްފަ އެވެ. ޕީޑީއާރްއެމް އިން ކުރި ހޯދީ ދެ ޓީމު އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ 30 މިނިޓުގެ ތެރޭގަ އެވެ.

"މާޒިޔާ އިން އެ ކުރި ހިތްވަރަށް ތައުރީފް ހައްގު. މާޒިޔާ އަށް އަހަރެމެންގެ ސެލިއުޓް ނަގަން،" ފައުޒީ ބުންޏެވެ. "މާޒިޔާ އަކީ ވަރަށް ރަނގަޅު ޓީމެއް ކަމަށް އަހަރެން ކުރިން ވެސް ބުނަމުން ދިޔައީ. އެ ޓީމުން މިރޭ އެކަން ސާބިތުކޮށްދީފި. ވަރަށް ރަނގަޅު ވާދައެއް މާޒިޔާ އިން ކުރި."

މި މުބާރާތުގެ ލީގު ބުރުގައި ކުޅުނު މެޗެއްގައި ދަގަނޑޭ ލަނޑެއް ނުޖެހި ނަމަވެސް، ފައިނަލްގައި މެޗުގައި އޭނާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މެޗަށް ފަހު ޕީޑީއާރްއެމް އިން ވަނީ ދަގަނޑޭ އަށް ކެޕްޓަން ބޭންޑް ދީ، ތަށި އުފުލާލުުމުގެ ފުރުސަތު އޭނާ އަށް ދީފަ އެވެ.

ފައުޒީ ބުނީ ފައިނަލް މެޗުގައި ދަގަނޑޭ ހެޓްރިކެއް ހެދުމަކީ ޕީޑީއާރްއެމް އަށް ލިބުނު އިތުރު އުފަލެއް ކަމަށެވެ.

"އަހަރެމެން އިންތިޒާރުކުރަމުން މިދިޔައީ މުޅި މުބާރާތުގައި ވެސް އަޝްފާގްގެ ގޯލަަލަކަށް. އަޝްފާގަކީ އާދައިގެ ކުޅުންތެރިއެއް ނޫން. ލަނޑު ނެޖެހިޔަސް އޭނާގެ ފަރާތުން ޓީމަށް ފައިދާކުރި. އަހަރެމެން ވަރަށް އުފާވެއްޖެ ދަަގަނޑޭގެ ލަނޑުތަކެއް ފެނުނީމަ،" ފައުޒީ ބުންޏެވެ.

ފައުޒީ ބުނީ ޕީޕަލްސްގެ ކަޕްގެ ސަބަބުން މި އަހަރުގެ މެލޭޝިއާ ސުޕަ ލީގަށް ތައްޔާރުވަމުންދާ ޕީޑީއާރްއެމް އަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.

"މި މުބާރާތުގައި ރަނގަޅު މެޗުތަކެއް ކުޅެވިއްޖެ. އެހްންވީމަ އަހަރެމެންގެ ޓީމު ބައްޓަން ކުރުމުގައި ފަސޭހަަތަކެއްވެއްޖެ. ރަނގަޅުކުރަންޖެހޭ ކަންތައްތައް އެނގިއްޖެ،" ޕީޑީއާރްއެމް އެވެ.