ރާއްޖެ އަކީ ޖަޒީރާ ގައުމަކަށްވާތީ މޫސުން ލަފާ ކުރުމުގައި ބޮޑެތި ދަތިތަކެއް ހުންނަ ކަމަށާއި އޭގެ ސަބަބުން އެންމެ ސީދާ މައުލޫމާތު ހޯދަން ދަތިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނެފި އެވެ.
މެޓް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަލީ ޝަރީފް މިރޭ ޕީއެސްމްގެ ޓީވީއެމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ބޭރު ގައުމުތަކުގައި ބިން ބޮޑުވެފައި ޖާގަ އޮތުމުން ކައިރިން ކައިރިން މޫސުމާބެހޭ މައުލޫމާތުތައް ހޯދަން ފަސޭހަަވާ ކަމަށާއި ނަމަވެސް މާސިންގާ ކަނޑެއްގެ މެދުގައި އެކި ރަށްތަކަށް ބެހިފައި ރާއްޖެ އޮތުމުން އުތުރު ފިޔަވައި އެހެން ސަރަހައްދަކުން މޫސުމާބެހޭ މައުލޫމާތު ހޯދޭނެ ގޮތްތައް މަދު ކަމަށެވެ.
ޝަރީފް ވިދާޅުވީ ރަނގަޅު ފެންވަރަކަށް މޫސުން ލަފާ ކުރުމަށް އެކަށީގެންވާ ވަސީލަތްތައް ނެތުމުންގެ ސަބަބުން އެމަސައްކަތް ކުރުމަށް ބޮޑަށް ބިނާ ވެފައި އޮންނަނީ ސެޓަލައިޓު މެދުވެރިކޮށް ކަމަށެވެ.
"އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުނިކަމެއް. އެކަށީގެންވާ ވަސީލަތްތައް ނެތުމުން ފުދޭވަރެއްގެ ބޮޑު ގޮންޖެހުންތަކާއި ދިމާވޭ. އެކަން ފޫބައްދަން ޖެހެނީ ސެޓަލައިޓްގެ ޒަރިއްޔާއިން ބަލައިގެން. އެހެން ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުން ސެޓަލައިޓް ބަލާފައި ބިމުގައި ތިބެގެން ނެގޭ މައުލޫމާތުތައް ވެސް ގުޅުވައިގެން ރަނގަޅު ފެންވަރަކަށް މޫސުމާބެހޭ ސީދާ މައުލޫމާތު ހޯދާ،" ޝަރީފް ވިދާޅުވި އެވެ.
މޫސުން ލަފާ ކުރުމަށް ގައުމީ މޫސުމާބެހޭ އިދާރާއަށް ހުރި އެހެން ބައެއް ގޮންޖެހުންތައް ފާހަގަކޮށް އޭނާ ވިދާޅުވީ މޫސުން ލަފާ ކުރުމަށް އެކި ލެވަލް ތަކުގެ ވައިގެ މިންވަރު ބަލަން ހަދައި އޮބްޒަވޭޝަނަކީ އަގު ބޮޑު މަސައްކަތެއް ކަމަށާއި މިހާރު ރާއްޖޭގައި އެ އޮބްޒަވޭޝަން ހެދެން ހުންނަނީ ހަމައެކަނި އައްޑު އަތޮޅުގައި ކަމަށެވެ. ނަމަވެސް އެދެވޭ ނަތީޖާއެއް ހޯދަން ރާއްޖޭގެ ތިން ސަރަހައްދަކަށް އޮބްޒަވޭޝަން ހަދާނެ ފެސިލިޓީޒް ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ ވާރޭ ވެހެން ހުރި މިންގަނޑު ދެނެގަތުމަށް ރާއްޖޭގައި ހުރީ އެންމެ ނިޒާމެއް ކަމަށާއި ނަމަވެސް އޭގެވެސް މަދުވެގެން ދެ ނިޒާމް ބޭނުންވާ ކަމަށެވެ.
"ރާއްޖޭގެ ރައްތައް ހުންނަ ގޮތުން ބައެއް ފަހަރު އަންނަ ވިލާގަނޑުގެ ބޮޑުމިން ރަށަކަށް ވުރެ މާބޮޑު. އެހެންވީމަ އަންނަ ވިލާގަނޑުން ކަނޑަށްވެސް ވާރޭ ވެހިދާނެ. ސީދާ ކިހާ ހިސާބެއްކަން ލަފާ ކުރަން ދަތި ވަނީ އެހެންވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ އަޅުގަނޑުމެން މޫސުން ލަފާ ކުރެވޭގޮތް ގޯހޭ،" ޝަރީފް ވިދާޅުވި އެވެ.