މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުުހުން ބައިވެރިވިކަމުގެ ހެކި ހުރިނަމަ އެންއައިސީއަށް ހުށަހަޅަން އެދެފި

Mar 20, 2016
2
  • މައްސަލަ ބަލަމުންދަނީ ސީރިއަސްކަމާއެކު
  • ފުލުހުންގެ ބައިވެރިވުން އޮތް ނަމަ ފިޔަވަޅު އަޅާނެ
  • މައުލޫމާތުދޭ މީހުންނަށް ރައްކާތެރިކަންދޭނެ

މާލޭގެ ބައެއް ސަރަޙައްދު ތަކުގައި ހިނގި ހަމަނުޖެހުމުގައި ފުލުުހުންގެ ބައިވެރިވިކަމުގެ ހެކި ހުރިނަމަ އެކަން އެންއައިސީ އާއި އެޗްއާރްސީއެމަށް ހުށަހަޅަން ފުލުހުން އެދެފި އެވެ. ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ހަމަނުޖެހުމުގައި މީހުނާއި މުދަލަށް ގެއްލުން ލިބިފައިވާއިރު އެކަމުގައި ފުލުހުންގެ ބައިވެރިވުން އޮތް ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އަދި ބުނީ ފުުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގަށް އެ ހާދިސާގައި ފުލުހުންގެ ބައިވެރިވުމެއް އޮތްކަން ހާމަވެއްޖެ ނަމަ އެކަމުގައި ބައިވެރިވި ފުލުހުންނާ ދޭތެރޭ އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

"... މި ޙާދިސާގައި ފުލުހުންގެ ބައިވެރިވުމެއް އޮތްކަން ކަށަވަރު ކުރެއްވޭ ފަދަ ހެއްކާ ގަރީނާ ހުރިނަމަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން ނުވަތަ ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް ފަދަ ތަހުގީގު މުއައްސަސާތަކަށް ހުށަހަޅުއްވައިގެން އެ މައްސަލައެއް ތަހުގީގު ކުރަން މޯލްޑިވްސް ޕޮލިސް ސާވިސްއިން މަރުޙަބާ ކިޔާ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ." ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ބުނީ މައްސަލަ އާއި ގުޅުންހުރި މައުލޫމާތު ހުރި ފަރާތްތަކުން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑާ ހިއްސާ ކޮށްދޭން އެދޭ ކަމަށާއި ހިއްސާކުރާ ފަރާތަކަށް ރައްކާތެރިކަން ދޭނެ ކަމަށެވެ.