މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން އެހީތެރިކަން ބޭނުންވެގެން 400 އަށް ވުރެ ގިނަ ކޯލްކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެންޑީއެމްއޭ އިން މިރޭ ބުނީ މާލޭގައި ފެންބޮޑުވުމާ ގުޅިގެން ވެލިބަސްދާ ޖެހުމަށާއި އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވެގެން 400 އަށް ވުރެ ގިނަ ކޯލް ލިބިފައިވާ ކަމަށެވެ.
ކޯލްތަކާ ގުޅިގެން ރެޕިޑް އެސެސްމަންޓް ހެދުމަށްފަހު އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ 35 ގެއެއްގެ މީހުންނަށް އެހީވުމާއި އެހެން ތަންތަނަށް ބަދަލުކުރަން ޖެހޭ މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ބުންޏެވެ.
މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ ގެއްލުންތައް ލިބެމުންދާތީ މާލޭ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން ދަނީ ވެލިބަސްތާ ޖެހުމުގެ މަސައްކަތް އެކި ސަރަހައްދުތަކުގައި ކުރަމުންނެވެ. އަދި ސިފައިން ގެންދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
މާލެއަށް ފާއިތުވި 26 ގަޑިއިރު ތެރޭގައި 163 މިލިމީޓަރުގެ ވާރޭ ވެހުނުއިރު މިއަދު ހަވީރު 5:00 އިން 6:00 އަށް 60 މިލިމީޓަރުގެ ވާރޭ މާލެއަށް ވެހިފައިވެ އެވެ.
މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ހުދު އެލާޓް އަދި ބ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް މިރޭ 11:00 ޖަހަންދެން ރީނދޫ އެލާޓް ނެރެފަ އެވެ.