ޑރ. މުހައްމަދު މުއިއްޒު

"ގުޅީގެ ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖައްސައިދޭނަން"

ކ. ގުޅީގެ ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖައްސައިދޭނީ މިސަރުކާރުގައި ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިއަދު ގުޅިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ ގުޅިއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިމުގެ މައްސަލަ ކަމަށްވާތީ އެމްޓީސީސީއާ ހަވާލުކޮށްގެން އެ މަޝްރޫއުގެ މަސައްކަތް މިވެރިކަމުގައި ނިންމާދޭނެ ކަމަށެވެ.

"މިދިޔަ ސަރުކާރުގައި އެ މަސައްކަތް ބަޔަކާ ހަވާލުކުރި ނަމަވެސް ބަޖެޓުގައި އެކަމަށް ބޭނުންވާ ފައިސާ ނެތީމާ އެމަސައްކަތް އޭރު ނުކުރެވި އޮތީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގުޅި ބިން ހިއްކުމުގެ މަޝްރޫއާ އެކު ހިއްކާ ސަރަަހައްދު ހިމާޔަތް ކުރުންވެސް އެކުއެކީގައި ކުރިއަށްދާނެ ކަމަށެވެ. ރަށުގެ ބިން ބޮޑުކުރެވުމާ އެކު ގުޅިއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ހައްލުތަކެއް ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވެވި އެވެ.

ރައީސް މިއަދު ގުޅިވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ އެކުވެސް ބައްދަލުވުމެއް ބޭއްވެވި އެވެ. މިބައްދަލުވުމުގައި ކައުންސިލަރުން އެދުނު ގޮތަށް އަދި ރައްޔިތުން ބޭނުންވާ ގޮތަށް ގުޅީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ގުޅީގައި ހުރި މިސްކިތުގެ ޖާގަ ކުޑަވެފައިވާތީ އާ މިސްކިތެއް އަޅައިދީ، ސްކޫލުގެ ޖާގަ އިތުރުކުރުމަށް އަޅަމުންދާ އިމާރާތް ހުއްޓިފައިވާތީ އެ އިމާރާތުގެ މަސައްކަތް ފަށައި ނިންމައިދޭނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އަދި ގުޅީގެ ބަނދަރު ކުޑަކަމަށް ކައުންސިލަރުން ވިދާޅުވެފައިވާތީ ގުޅިއަށް ބޭނުންވަނީ އާ ބަނދަރެއްތޯ ނުވަތަ މިހާރު އޮތް ބަނދަރު ބޮޑުކުރާނީތޯ ބަލައި އެކަމުގައިވެސް ސަރުކާރުން ގޮތްތަކެއް ނިންމާނެ ކަމުގައި ވިދާޅުވި އެވެ.

ގާތްގަނޑަކަށް ހާހެއްހާ އާބާދީއެއް އުޅޭ ގުޅިއަކީ ފަތުރުވެރިކަމުގެ ދާއިރާ އިންވެސް ވަރަށް ބާރަށް ކުރިއަރަމުންދާ ރަށެކެވެ.