ޑރ. މުހައްމަދު މުއިއްޒު

ގުޅީގެ އިހުތިސާސުން ފުށިދިއްގަރުފަޅު ވަކިކޮށްފި

ކ. ގުޅީގެ އިދާރީ ދާއިރާގެ އިހުތިސާސްގެ ތެރެއިން ފުށިދިއްގަރުފަޅު ވަކިކޮށްފި އެވެ.

ގުޅީގެ އިދާރީ ދާއިރާގެ އިހުތިސާސަށް ބަދަލު ގެނެސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރަކުންނެވެ.

މީގެ ކުރިން އޮތް ގޮތުން ފުށިދިއްގަރުފަޅުގެ ބައެއް ގުޅީގެ އިހުތިސާސް ތެރޭގައި ހިމެނެ އެވެ.

ފުށިދިއްގަރުފަޅަކީ ރައީސް މުއިއްޒުގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ހިންގުމަށް ނިންމާފައިވާ ތަނެކެވެ.

ގުޅީ ކައުންސިލްގެ ރައީސް މޫސާ ސަފީލް މިއަދު އަވަސް އަށް ވިދާޅުވީ ގުޅީގެ އިހުތިސާސުން ފުށިދިއްގަރުފަޅު ވަކިކުރާނަމަ ގުޅީގެ ކައިރިން އޮންނަ އެހެން ރަށެއް އެރަށުގެ އިހުތިސާސުގެ ތެރޭގައި ހިމަނައިދިނުމަށް ކުރީގެ ސަރުކާރުގައި ކައުންސިލުން އެދިފައިވާ ކަމަށެވެ. އެގޮތަށް ފަޅެއް އިހްތިސާސުގެ ތެރޭގައި ހިމަނާނަމަ ގުޅީގެ އިހުތިސާސްގެ ތެރެއިން ފުށިދިއްގަރުފަޅު ވަކިކުރުމަށް ދެކޮޅު ނުހަދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާއިރު ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ އެންމެހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލުތަކުގެ އިހްތިސާސް ކަނޑައެޅުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ ފުށިދިއްގަރުފަޅު ހިއްކައިގެން އެތަން އާބާދުކުރުމަށެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުށިދިއްގަރުފަޅު ހިއްކުމަށް ރައީސްގެ ވައުދުތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ. އަދި ފުށިދިއްގަރުފަޅު ހިއްކުމަށް ބޭނުންވާ 400 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެސް އޮތެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ވަނީ ފުށިދިއްގަރުފަޅު ހިއްކުމަށް ބަޖެޓްގައި ޖެހި 400 މިލިއަން ރުފިޔާ އެހެން ކަންކަމަށް ހަރަދުކުރުމަށް ހިމަނާފަ އެވެ.