ފުށިދިއްގަރު ފަޅު

ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ފަށަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ހިންގަން ހަމަޖެހިފައިވާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މި މަޝްރޫއު ފަށަން ހަމަޖެހިފައިވަނީ މިއަދު ހަވީރު އެކަމަށްޓަކައި ފުށިދިއްގަރުފަޅުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއް ގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހް ކޮށްދެއްވުމަށް ހަމަޖެހިފައިވާ މިމަޝްރޫއު ފެށުމުގެ ރަސްމިއްޔާތަށް މީޑިއާއަށްވެސް ސަރުކާރުން ވަނީ ދައުވަތު ދީފަ އެވެ.

ފުށިދިއްގަރުފަޅު ހިއްކުމަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ހަފްތާގައި ރައީސް މުއިއްޒު ވަނީ ކ. ގުޅީގެ އިދާރީ ދާއިރާގެ އިހުތިސާސްގެ ތެރެއިން ފުށިދިއްގަރުފަޅު ވަކިކޮށްފަ އެވެ. ކުރިން އޮތް ގޮތުންނަމަ ފުށިދިއްގަރު ފަޅުގެ ބައެއް ގުޅީގެ އިހްތިސާސްގެ ތެރޭގައި ހިމެނެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ފުށިދިއްގަރުފަޅު ހިއްކައިގެން އެތަން އާބާދުކުރުމަށެވެ. އެ ފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އަދި އެ ސަރަހައްދު ހިއްކާ 11،900 ގޯއްޗާއި، 26،000 ފްލެޓް އިމާރާތް ކުރާނެ ކަމަށް ރައީސް ވަނީ ރިޔާސީ ކެމްޕޭންގައި ވިދާޅުވެފަ އެވެ.

ފުށިދިއްގަރުފަޅު ހިއްކުމަށް ތައްޔާރުވަމުންދާއިރު އެ މަޝްރޫއަށް ބޭނުންވާ 400 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރިއިރު ފުށިދިއްގަރުފަޅު ހިއްކުމަށް ބަޖެޓްގައި ޖެހި 400 މިލިއަން ރުފިޔާ އެހެން ކަންކަމަށް ހަރަދުކުރުމަށް ވަނީ ހިމަނާފަ އެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ގެދޮރު އިމާރާތް ކުރުމާއި ޖަމާއަތުގެ ފައިދާއަށް ދެވޭ ހިދުމަތުގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެއީ ރިކަރަންޓް ހަރަދަށް 2.5 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް ދެ ބިލިއަން ރުފިޔާ އެވެ.

މީގެއިތުރުން ކައުންސިލްތަކަށް ދެވޭ ބްލޮކް ގްރާންޓްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާއާއި، ކައުންސިލް އިމާރާތްކުރުމަށް 20 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.