ދިރާގު

ދިރާގު ހައި ސްޕީޑް ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް

ދިރާގު ހައި ސްޕީޑް ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފޯރުކޮށްދީފި އެވެ.

މިކަން އިއުލާންކުރީ މިއަދު ދިރާގުން ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މިއީ ދިވެހިރާއްޖޭގެ މުވާސަލާތީ ސިނާއަތަށް ލިބިގެންދާ އަދި ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭވަރުގެ ބޮޑު ކުރިއެރުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ފައިބަ ހިދުމަތް 100 އިންސައްތަ އާބާދީއަށް ފޯރުކޮށްދީފައި ވަނީ މަދު ގައުމެއްގަ އެވެ.

ބްރޯޑްބޭންޑްއަކީ ގައުމެއްގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގެ ކުރިއެރުމަށް އިތުރު ހަލުވިކަމެއް ގެނެސްދޭނޭ ކަމެކެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގެ ތަރައްގީގެ ޕްލޭންގައި ބްރޯޑްބޭންޑްގެ ހިދުމަތް ފުޅާކުރުމަށް މުހިންމު ކަމެއްގެ ގޮތުގައި ހިމަނާފައިވުމަކީ މީގެ ވަރަށް ބޮޑު ހެއްކެކެވެ.

މިގޮތުން ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ރާއްޖެ 'ސްމާޓް ނޭޝަން' އަކަށް ވުމަށާއި 'ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދެވޭ އިންޓަނެޓުގެ ހިދުމަތުގެ ފެންވަރު މަތިކޮށް އަދި އިންޓަނެޓްގެ އަގު އަތްފޯރާފަށަށް ތިރިކުރުމަށް' ކުރަމުންގެންދާ މަސައްކަތަށް ރާއްޖޭގެ ހުރިހާ ރަށަކަށް ދިރާގު ހައި ސްޕީޑް ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގު ހައި ސްޕީޑް ފައިބަ ބްރޯޑްބޭންޑް ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފުރަތަމަ ފަހަރަށް ފޯރުކޮށްދިނުމުގެ ޝަރަފު ލިބުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ވަނީ ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ދިރާގުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް މަރުހަބާއާއި ޝުކުރުދަންނަވާފަ އެވެ.

މީގެ އިތުރުން ހައިސް ޕީޑް ބްރޯޑްބޭންޑްއަކީ ޑިޖިޓަލް ހިދުމަތްތައް ރައްޔިތުންނާ ހަމައަށް ވާސިލްކޮށްދިނުމަށް ބޭނުންވާ މުހިންމު ވަސީލަތެއްކަމަށާއި ދިރާގުން މި ހާސިލް ކުރި ކާމިޔާބީއާއެކު ރާއްޖޭގެ ޑިޖިޓަލް ވިއުގަ އިތުރަށް ހަރުދަނާވެ، ގައުމުގެ ޑިޖިޓަލް ތަރައްގީގެ ދުވެލި އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

މިއީ ދިރާގުގެ ހިދުމަތްތައް ރާއްޖޭގެ އެންމެންނަށް އެއް ފެންވަރެއްގައި ފޯރުކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބިއެއް ކަމަށާއި އަދި މިފަދަ ބޮޑު މަޝްރޫއެއް ނިންމާލާ، ދިރާގުގެ 'ޑިޖިޓަލް ރާއްޖޭ'ގެ ތަސައްވަރު ހަގީގަތަކަށް ހެދުމުގައި ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބިފައިވާކަން ސީއީއޯ އިސްމާއީލް ރަޝީދު ފާހަގަކުރެއްވި އެވެ.

އެގޮތުން ސަރުކާރުގެ އިދާރާތަކުންނާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ދިރާގަށް ދެއްވަމުންގެންދަވާ އެއްބާރުލުން ފާހަގަކޮށް، ޕާޓްނަރުންނާއި ދިރާގުން މިމަސައްކަތުގައި އަމަލީގޮތުން ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ވެސް ވަރަށް އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވާފައިވެއެވެ.

ދިރާގަކީ މިހާރު ރާއްޖޭގައި އެންމެ ހަލުވި އަދި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ.

މިގޮތުން ދިރާގުގެ ހައި ސްޕީޑް ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޅާވެގެންދިއުމުގެ ސަބަބުން އެންމެ އުތުރާއި ދެކުނުގެ ކުދި ބޮޑު ހުރިހާ މުޖުތަމައުތަކަށްވެސް ޑިޖިޓަލް އެކްސެސް އިތުރުވެ ޑިޖިޓަލް އިގްތިސޯދެއްގައި ކުރިއެރުމަށް މަގުފަހިވެގެންދާނެ އެވެ.

ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި ހަރަކާތްތެރިވަމުން އަންނަ ދިރާގަކީ އިނޮވޭޝަންގެ ޒަރިއްޔާއިން ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް އެންމެ އިސް ސަފުގައި މަސައްކަތްކުރާ ކުންފުންޏެކެވެ. އަދި ވޭތިވެދިޔަ 36 އަހަރު ތެރޭގައި ދިރާގުން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތައް ބާރުވެރިކުރުވުމަށާއި އެފަރާތްތަކަށް އިތުބާރު ހުރި އަދި ޒަމާނީ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދެމުންނެވެ.