އަމިއްލަ ގުރޫޕެއް ކަމަށްވާ "އަލް-ހިޖްރަ ޓްރެވެލްސް އެންޑް ޓުއާސް" އިން ދިވެހިންތަކެއް އުމްރާއަށް ގެންގޮސް ހާލުގައި ޖައްސުވާފައިވާތީ އެ ކުންފުނި އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް، އެ ކުންފުންޏާ ދެކޮޅަށް ބޮޑެތި ފިޔަވަޅުތަކެއް އިސްލާމިކް މިނިސްޓްރީން އަޅައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އަލްހިޖްރަ ގުރޫޕްގެ ފަރާތުން މިދިޔަ ޑިސެމްބަރު މަހު އުމްރާއަށް ގެންދިޔަ މީހުންގެ އަތުން މުޅި ދަތުރަށް ފައިސާ ނަގާފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާއިން އުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސައި ކުންފުނީގެ އެހެން ކަންކަމަށް އެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް އެ ކުންފުނިން އިއުތިރާފުވެފައިވާ ކަމަށެވެ.
އުމްރާވެރިން މައްކާއިން ރާއްޖެ އައުމަށް ހިޖްރަ ގުރޫޕުން ޓިކެޓު ނަގާފައި ނެތުމުގެ ސަބަބުން ހާލުގައި ޖެހުނު 23 އުމްރާ ވެރިން ވަނީ އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމަށް އެދިފަ އެވެ. އެހެންވެ މިއަދުގެ ވަގުތެއްގައި މައްކާގައި ހަރަކާތްތެރިވާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ބެލުމުގެ ދަށަށް އެމީހުން ގެންގޮސްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖެ އިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ހިލާފުވުމުގެ ސަބަބުން ހިޖްރަ ގުރޫޕާ ދެކޮޅަށް އުސޫލުގެ ދަށުން ވަނީ ފަސް ފިޔަވަޅެއް އަޅާފަ އެވެ.
އަޅާފައިވާ ފިޔަވަޅުތައް
- އުމްރާއަށް މީހުން ގެންދިއުމަށް އަލްހިޖްރަ ގުރޫޕަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން
- އެއްލައްކަ ރުފިޔާއިން އަލްހިޖްރަ ގުރޫޕް ޖޫރިމަނާކުރުން
- އަލްހިޖްރަ ގުރޫޕްގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށްވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުން
- އަލްހިޖްރަ ގުރޫޕްގެ ފަރާތުން އުމްރާއަށް ގެންގޮސް ހާލުގައި ޖެއްސި މީހުން ރާއްޖެ ގެނައުމަށް ސަރުކާރުން ކުރި ހަރަދު އެ ކުންފިން ހޯދުން
- އަލްހިޖުރަ ގުރޫޕުން އުސޫލާ ހިލާފުވެފައިވާތީ އެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ހުށަހެޅުން
އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ އަލްހިޖުރަ ގުރޫޕާ ދެކޮޅަށް އެޅި ފިޔަވަޅުތައް ތަންފީޒުކުރުމަށްޓަކައި އިދާރީ ގޮތުންނާއި ގާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ފަސްޖެހުމެއް ނެތި އެ މިނިސްޓްރީން ކުރާނެ ކަމަށެވެ.