ޔޫއެން

މޫސުމީ ބަދަލުތަކުގެ ޖޮއިންޓް ވޯކް ޕްލޭންގައި އދ. އާއެކު ސަރުކާރުން ސޮއިކޮށްފި

ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމާއި ބެހޭ މަސައްކަތް ގުޅިގެން ކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީއާއި އދ. އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސަރުކާރާއި މަދަނީ ޖަމިއްޔާތަކާއި ގުޅިގެން ކުރިއަށް އޮތް ދެ އަހަރު ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރަން އެކުލަވައލި ވޯކް ޕްލޭންގެ ދަށުން އެކި ލެވެލްގެ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަން ނިންމާފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.

މިއަދު އެ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. އދ. ގެ ފަރާތުން ރާއްޖޭގައި ހުންނަވާ ރެޕްރެޒެންޓެޓިވް މިސް ޝޯކޯ ނޯޑާ އެވެ.

މިނިސްޓަރު ތޯރިގް ވިދާޅުވީ، މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އަތޮޅު ފެންވަރުގައްޔާއި ގައުމީ ފެންވަރުގައި ދެމެހެއްޓެނިވި ތަރައްގީއާއި މޫސުމަށް އަންނަ ބަދަލު ކުޑަކުރަން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި ކާބަން މަދު މުޖުތަމައެއް ބިނާކުރަން ރާއްޖެއިން ހިފާފައިވާ އަމާޒަށް ވާސިލްވުމުގައި ކުރިއަށްވުރެ ބޮޑަށް އދ. ގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.

މިއަދު ސޮއިކުރެވުނު ވޯކް ޕްލޭނަކީ މިއަހަރުގެ ތެރޭގައި ރާއްޖެއިން އދ. އާ އެކު ސޮއިކުރާ މިފަދަ ހަތަރު ވަނަ ޕްލޭނެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހު ރާއްޖެއިން އދ. އާއި އެކު ސޮއިކުރި އުންޑާފް އެއްބަސްވުމުގެ ދަށުން މިއަދު ސޮއިކުރި ފްރޭމް ވޯކުގައި ފާހަގަކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމުގެ އިތުރަށް ކުޑަކުދިންނާއި ޒުވާނުން ތަރައްގީ ކުރުމާއި ހިންގުމުގެ ދާއިރާ ހަރުދަނާ ކުރުމާއި ޖިންސް ގެ ހަމަހަމަކަން ގާއިމްކުރަން މަސައްކަތް ކުރުމެވެ.