އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ދެވަނަ ޑިވިޝަންގެ ސެލްފޯޑް އާއި ދެކޮޅަށް މެންޗެސްޓަ ސިޓީން ކުޅުނު މެޗުގައި 8-0ގެ ނަތީޖާއަކުން މޮޅުވެ، މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޕެޕް ގަޑިއޯލާގެ ކުޅުންތެރިން ފެށުނީއްސުރެ ކުޅުން ކޮންޓްރޯލްކޮށް، މެޗު ނިމުނުއިރު އަށް ލަނޑު ޖަހައި ފަސޭހަ މޮޅެއް ހޯދި އެވެ. މިއީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހަށްފަހު އެފްއޭ ކަޕްގައި ސިޓީ އަށް ހޯދިފައިވާ އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.
މެޗުގެ ސްކޯރިން ފެށިގެން އައީ އަށްވަނަ މިނެޓްގައި ޖެރެމީ ޑޮކޫ ޖެހި ލަނޑުންނެވެ. އޭގެ ފަހުން ޒުވާން ތަރި ޑިވިން މުބާމާ އާއި ނިކޯ އޮރެއިލީ ވެސް ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހާފަ އެވެ. ހާއްސަކޮށް މުބާމާ ޖެހި ލަނޑަކީ އޭނާ ސިޓީ އަށް ކުޅުނު ފުރަތަމަ މެޗުގައި ޖެހި ލަނޑެވެ.
ދެވަނަ ހާފުގައި ޖެކް ގްރީލިޝް ވަނީ ޕެނަލްޓީއަކުން ލަނޑެއް ޖަހާފަ އެވެ. މިއީ އޭނާ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޖެހި ފުރަތަމަ ލަނޑެވެ. އަދި ޖޭމްސް މެކްއާޓީ ވަނީ ހެޓްރިކެއް ހަދާފަ އެވެ. މީގެ އިތުރުން ޑޮކޫ ވަނީ ޕެނަލްޓީއަކުން އިތުރު ލަނޑެއް ޖަހާފަ އެވެ.
މި މޮޅާއެކު މެންޗެސްޓަ ސިޓީ ވަނީ އެފްއޭ ކަޕްގެ ހަތަރުވަނަ ބުރަށް ކޮލިފައި ވެފަ އެވެ. މިފަހަކުން ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ސިޓީއިން މިމެޗުގައި ވަރަށް ގިނަ ކަންތައްތަކެއް ރަނގަޅު ކޮށްފައިވާކަން ފާހަގަކުރެ ވެއެވެ.