ޑރ. މުހައްމަދު މުއިއްޒު

ނަޖިސް ލީކުވުން ހުއްޓުވައިފި، މޫދަށް އެރުން އަދި މަނާ

  • މޫދަށް އެރެން ހުއްދަ ދޭނީ ޓެސްޓް ހެދުމަށްފަހު
  • ހޮޅިން ނަޖިސް ލީކްވީ ވަރަށް ކުޑަ މިންވަރަކަށް
  • އެއީ ގަސްދުގައި ކުރި ކަމެއްކަން ސާފެއް ނުވޭ

ވެސްޓް ޕާކާއި ދިމާލު މޫދަށް ބާލާފައިވާ ނަޖިސް ހޮޅިއަކުން ނަޖިސް ލީކުވުމާއި ގުޅިގެން އެ ހޮޅި މަރާމާތުކޮށް ލީކުވުން މިހާރު ހުއްޓުވާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ވިދާޅުވެއްޖެ އެވެ.

ރަސްފަންނާއި ކައިރިން ކަނޑާއި ހަމަޔަށް އަޅާފައި އޮތް ނަޖިސް ހޮޅިއެއް ފަޅައިގެން ގޮސް މޫދަށް ނަޖިސް ލީކުވާ ކަން އެނގުމުން ހައުސިން މިނިސްޓްރީން އިއްޔެ ވަނީ ރަސްފަންނަށް މޫދަށް ނޭރެން އަންގާފަ އެވެ. ހޮޅީގެ ލީކު މިހާރު ރަނގަޅު ކުރެވުނަސް އަދިވެސް އެ ސަރަހައްދުގައި ނަޖިހުގެ އަސަރު ހުރެދާނެތީ މޫދަށް ނޭރެން ވެސް އެ މިނިސްޓްރީން ވަނީ އަންގާފަ އެވެ.

މިނިސްޓަރު ޑރ. މުއިޒް މިއަދު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ނަޖިސް ހޮޅިއެއް ފަޅައިގެން ގޮސްފައިވާކަން އެނގުމާއެކު ރަސްފަންނަށް މޫދަށް ނޭރެން އެންގީ ދިމާވެދާނެ ސިއްހީ ބަލިމަޑުކަމަކުން އާންމުން ރައްކާތެރިކުރުމުގެ ގޮތުން ކަމަށެވެ. އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު ލީކުވާ ސަބަބު ބެލުމަށްފަހު މޫދަށް ފީނައިގެން ހޮޅި މަރާމާތުކޮށްފައިވާ ކަމަށެވެ.

"މިހާރު ލީކުވުން މިވަނީ ހުއްޓުވާފައި. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުން ވަރަށް ކުޑަ ލީކެއް ވެގެން މި އުޅެނީ. އެހެން ނަމަވެސް އެ ސަރަހައްދަށް މޫދަށް އެރެން މަނާކޮށްފައި މި ވަނީ އާންމު ސިއްހީ ސަލާމަތްތެރިކަމަށް. ވަރަށް ބޮޑު ބުރަ މަސައްކަތެއް އެ ހޮޅީގެ ލީކު ރަނގަޅުކުރަން ކޮށްފައި މި ވަނީ. އެކަމަކު އަޅުގަނޑުމެން އެތަން އަނެއްކާވެސް ހުޅުވައިލާނީ އެ ސަރަހައްދުގެ ފެން ޓެސްޓް ކުރުމަށްފަހު،" މިނިސްޓަރު ވިދާޅުވި އެވެ.

ދުވާލަކު އެތައް ބަޔަކު ކުޑަކުދިންނާއެކު މޫދަށް އެރެންދާ ރަސްފަންނަށް ދެން މޫދަށް އެރެވޭ ގޮތަށް ހުޅުވައިލާނީ ހަދަންޖެހޭ ބައެއް ޓެސްޓުތައް ހަދައި، ނަތީޖާ ލިބުމުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކުއްލި ގޮތަކަށް އެ ސަރަހައްދުގައި އަޅާފައި އޮތް ނަޖިސް ހޮޅިއަކުން ލީކުވި މައްސަލަ އަކީ އެއްވެސް ފަރާތަކުން ގަސްތުގައި ކޮށްފައިވާ ކަމެއް ކަމެއް އަދި ނޫންކަމެއްވެސް ބުނަން ނޭނގޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެފަދަ މައްސަލަތަކަކީ މީހެއްގެ ފަރާތުން ނޫނަސް ދިމާވުން އެކަށޭނަ މައްސަލައެއް ކަމަށް ވާތީ އެކަން ވަކި ކޮޅަކަށް ނިންމުމަކީ ހައްލެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.