ދުންޔާ މައުމޫން

ދުންޔާ އިޓަލީއަށް ވަޑައިގެންފި

ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ރަސްމީ ދަތުރެއްގައި މިއަދު އިޓަލީއަށް ވަޑައިގެންފި އެވެ.

މިނިސްޓަރު ދުންޔާ އިޓަލީއަށް މިއަދު ވަޑައިގަތީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޕޯލޯ ޖެންޓިލޯނީގެ ދައުވަތަކަށެވެ. މި ދަތުރުގައި މިނިސްޓަރު ދުންޔާ، އިޓަލީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ، އިޓަލީގެ ފޮރިން މިނިސްޓަރުގެ އިތުރުން ވެސް އެ ގައުމުގެ ސަރުކާރު ބައެއް އެހެން އިސް އޮފިޝަލުންނާ ވެސް މިނިސްޓަރު ދުންޏާ ބައްދަލުކުރައްވާނެ ކަމަށެވެ.

އިޓަލީއަށް ފޮރިން މިނިސްޓަރު ކުރައްވާ ދަތުރުގައި، މޯލްޑިވްސް މިޝަން ޓު އީޔޫގެ ކައުންސެލާ ފާތިމަތު ގިނާ އަދި ފޮރިން މިނިސްޓްރީގެ ސީނިއާ ޑެކް އޮފިސަރު ހުސެއިން ޖައްޒު ބައިވެރިވެލައްވަ އެވެ.

މި އަހަރަކީ އިޓަލީއާއެކު ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރެވެ.