ދުނިޔެ

ޣައްޒާ އެއްބަސްވުން ފާސްކޮށްފި ނަމަ އިސްތިއުފާދޭނަން: އިޒުރޭލުގެ މާލީ ވަޒީރު

ޣައްޒާ ހަނގުރާމަ ހުއްޓާލަން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެވަޑައިގެންފި ނަމަ، ކޯލިޝަން ސަރުކާރުން އިސްތިއުފާދެއްވާނެ ކަމަށް ވިދާޅުވެ އިޒުރޭލުގެ ހަރުކަށި ފިކުރުގެ މާލީ ވަޒީރު ބެޒަލޭލް ސްމޮތުރިޗް އިންޒާރުދެއްވައިފި އެވެ.

ސްމޮތުރިޗް ވިދާޅުވި ގޮތުން ހަމާސް އަކީ ސުލްހައަށް ލޯބިކުރާ ބައެއް ނޫނެވެ. އޭނާގެ އިންޒާރަށް ބެލުމެއް ނެތި ޣައްޒާ ހަނގުރާމަ ހުއްޓާލައިފި ނަމަ އޮތީ އޭނާގެ ރެލިޖަސް ޒަޔަނިޒަމް ޕާޓީ ސަރުކާރުން ވަކިންވުން ކަމަށް ވިދާޅުވި އެވެ.

ދުވަސްތަކެއް ވަންދެން ކުރެވުނު މަޝްވަރާތަކަށް ފަހު ޣައްޒާ ހަނގުރާމަ ހުއްޓާލަން އެއްބަސްވެވުނީ ބުދަ ދުވަހު އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހަމާސް، އިސްލާމިކް ޖިހާދު އަދި އިޒުރޭލު ހިމެނޭ ގޮތުން ހެދި ސުލްހައިގެ އެއްބަސްވުން އަދިވެސް އިޒުރޭލުގެ ގާނޫންހަދާ މަޖިލީހުން ފާހެއް ނުކުރެ އެވެ.

މިކަމަށްޓައި މަޝްވަރާ ބައްދަލުވުމެއް ގާނޫންހަދާ މަޖިލީހުގައި ހުކުރުދުވަހު އޮންނާނެ ކަމަށް އިޒުރޭލުގެ ނޫސްތަކުން ބުނެ އެވެ. ގާނޫންހަދާ މަޖިލީހުގައި ބަހުސްކުރުމަށް ފަހު ނިންމާ ގޮތަކުން 15 މަސް ދުވަހަށް ދިގުދެމިން ގޮސްފައިވާ ހަނގުރާމަ ހުއްޓާލާނެ އެވެ.

މި އެއްބަސްވުން ފާސްކުރުމާ ގުޅިގެން ބޮޑުވަޒީރު ނަތަންޔާހޫއަށް ކުރިމަތިވާނެ ގޮންޖެހުންތައް ބޮޑުވާނެ ކަމަށް އަންދާޒާ ރިޕޯޓްތައް ބުނެ އެވެ.

އިޒުރޭލުގައި މިހާރު އޮތީ ކޯލިޝަން ސަރުކާރެކެވެ. ޕާޓީތަކުގައި މެދުގައި އެއްބަސްވެވިފައި އޮތް މިންގަނޑަކަށް ސަރުކާރު ބަހާ ގޮތުން އޮތް މި ކެބިނެޓުން ކޮންމެ ޕާޓީއެއް ވަކިވި ނަމަވެސް، ނަތަންޔާހޫގެ ސަރުކާރު ވެއްޓުމަކީ ވެސް އެކަށީގެންވާ ކަމެވެކެވެ.

މާލީ ވަޒީރު މްމޮތުރިޗްގެ އިންޒާރާ ގުޅިގެން ސުލްހައި އެއްބަސްވުމަށް ބަދަލެއް އަތުވެއްޖެ ނަމަ ސުލްހަ ގާއިމުކުރުން ދިގުދެމިގެން ދާނެ އެވެ. އެ ނޫން ގޮތެއްގައި ސަރުކާރު ބަލިކަށިވުމަކީ ވެސް އޮތް ފުރުސަތެކެވެ.