ހަބަރު

މާލޭގެ ބޮޑު ބަޔަކުން އިންޓަނެޓް ކެނޑެނީ

މާލޭގައި ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ދެމުންދާ ލައިންތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފި އެވެ. މިއީ މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ދިނުމަށް ކުރަމުންދާ މި މަސައްކަތުގެ ތެރެއިން ކުރަމުންދާ މަސައްކަތެކެވެ.

ދިރާގުން މިއަދު ޓެލެކޮމް އޮތޯރިޓީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ޑައިރެކްޓާ މާކެޓިންގ އަހްމަދު މައުމޫން ވިދާޅުވީ މި ކޭބަލްތައް ބަދަލުކުުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާތީ މާދަމާ ދިރާގުގެ ފިކްސްބްރޯޑް ބޭންޑް އިންޓަނެޓާއި، ޓެލެފޯނުގެ ހިދުމަތް ގިނަ ބަޔަކަށް ނުލިބޭނެ ކަމަށެވެ. އަދި މާދަމާ އިން ފެށިގެން މިމަހުގެ ނިޔަލަށް މިމަސައްކަތް ކުރިއަށް ދާނެ ކަމަށާއި މަސައްކަތް ކުރިއަށްދާ ވަގުުތަކުގައި ހިދުމަތް ކެނޑިގެންދާނެ ކަމަށެވެ.

އެގޮތުން މާދަމާ 2400 ވަރަކަށް ފަރާތުގެ ފިކްސްޑް ލައިން ބްރޯޑް ބޭންޑް ކަނެކްޝަން ދާނެ ކަމަށާއި ކޮންމެ ދުވަހަކުވެސް ތިން ގަޑިއިރާއި އަށް ގަޑިއިރާއި ދެމެދަށް އިތުރު 2400 އެއްހާ ފަރާތްތަކަށް ހިދުމަތް މެދުކެނޑިގެންދާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

މި ކޭބަލްތައް އަޕްގްރޭޑް ކުރުމުން އިންޓަނެޓްގެ ހިދުމަތް މިހާރަށްވުރެ ހަލުވި ވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ މިމަސައްކަތަކީ ދިރާގުގެ މެއިން ނެޓްވޯކް ރިލޮކޭޓް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރަމުންދާ މަސައްކަތެއް ކަމަށާއި ކޭބަލްތައް ފައިބާ ކުރަން ނިންމާފައިވާ ކަމަށެވެ.

"ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަންގެ އިންފްރާސްޓްރަކްޗާ އެއްކޮށް ބަދަލު ކުރަމުން އަންނަ އިރު މިހާރުވެސް ބައެއް ކަސްޓަމަރުންނަށް ކަނެކްޝަން މައްސަލަ ދިމާވަމުންދަނީ" މައުމޫން ވިދާޅުވިއެވެ.

"މާދަމާ ހެނދުނު ނުވަޔަކުން ފެށިގެން ބޮޑު ކޭބަލް އެއް ބަދަލު ކުރުމުގެ މަސައްކަތް ފަށާނެ. އެމަސައްކަތް ފަށާއިރު 2،400 ކަސްޓަމަރުންގެ ކަނެކްޝަން ގެއްލޭނެ. މާދަމާ ކޭބަލް ބަދަލު ކުރުމަށް ބުރިކޮއްލާ ވަގުތުން ފެށިގެން ތިން ގަޑިއިރަށް ކަނެކްޝަން ދާނެ. އަދި އެއްކޮށް ރަނގަޅު ކުރުމަށް ތިން ގަޑިއިރާއި އަށް ގަޑިއިރުގެ ވަގުތު ނަގާނެ،"

މައުމޫން އިތުރަށް ވިދާޅުވީ މި މަސައްކަތް ކުރާއިރު މެދުކެނޑޭނީ ހަމައެކަނީ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ކަނެކްޝަންތައް ކަމަށާއި ދިރާގު އިންޓަނެޓް ފޯޖީ ގެ ހިދުމަތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.