ރިޕޯޓް

ރާލިޔާގެ އުފެއްދުންތެރި ހިޔާލު

އެއް ޒަމާނެއްގައި ބޮޑު ކަނޑަކަށް ފެތުރިފައި އޮތް ރަށްތަކެއްގައި، ހިތްހަމަޖެހިގެން އުފަލުގައި، އެކެއް އަނެކަކާ ގުޅުން ބަދަހި މީސްކޮޅެއް އުޅުނެވެ. އެމީހުންގެ ދިރިއުޅުން ހުރީ ވަރަށް ސާދާކޮށް އަދި ގުދުރަތީ ވެއްޓާ ގުޅިލާމެހިފަ އެވެ. ނަމަވެސް ދުވަހުން ދުވަހަށް އެ މީހުންގެ އާބާދީ އިތުރުވަމުން ދިއުމާއެކު، މަޑުމަޑުން އެކި މައްސަލަތައް ކުރިމަތިވާން ފެށުނެވެ.

ފުރަތަމަ، އެ މީހުން އުޅެމުން ދިޔައީ އެ މީހުންގެ ތެރެއިން އެންމެ ހިކުމަތްތެރިކަމާއި ތަޖުރިބާގެ ގޮތުން އިސް ފަރާތުގެ އިރުޝާދުގެ ދަށުންނެވެ. އޭނާގެ ނިންމުންތަކަށް ދެކޮޅުހެދުމެއް ނެތި އެވެ. ނަމަވެސް އާބާދީ އިތުރުވަމުން ދިއުމާއެކު، އެކަކަށް ހުރިހާ މައްސަލަތަކަށް ހައްލުހޯދައިދިނުން އުނދަގޫވާން ފެށި އެވެ. އެގޮތުން އެކިއެކި ވަސީލަތްތައް ބެހުމާ ގުޅޭ ހިލާފުތައް އިތުރުވެ، އިސްމީހާގެ ނިންމުންތަކާމެދު ދެބަސްވުންތައް އުފެދި ހިޔާތަފާތުވުން އިތުރުވާން ފެށި އެވެ.

އެއް މޫސުމެއްގައި، ރަށުގެ އާންމު ވަޅުން ފެން ބެހުމާ ގުޅޭގޮތުން ވަރަށް ބޮޑު ޚިލާފެއް އުފެދުމުން، ރާލިޔާ ކިޔާ ޒުވާން އަންހެނަކު އާ ހިޔާލެއް ހުށަހެޅި އެވެ. އޭނާ ހުށަހެޅީ އިސް އެންމެ ފަރާތެއްގެ އެކަނި ނިންމުމުގެ ބަދަލުގައި، ރަށުގެ ކޮންމެ ގެއަކުން އިސްމީހުން އެއްކޮށް، ކަންކަމާމެދު މަޝްވަރާ ކުރުމަށެވެ. މިގޮތުން ނިންމުންތައް ނިންމާނީ އެންމެ މީހެއްގެ ވިސްނުމުގެ ބަދަލުގައި، މަޝްވަރާގެ މަޖިލީހަކުން އެންމެންގެ ޚިޔާލު ހިމެނޭ ގޮތަކަށެވެ.

ރާލިޔާގެ ހިޔާލަށް އެއްބަސްވެ، ކަންކަމާމެދު ގޮތްނިންމާނެ މަޖިލީހެއް އުފެއްދި އެވެ. އެ ތަނުގައި ކޮންމެ އާއިލާއެއްގެ އިސްމީހަކަށް ވާހަކަދެއްކުމުގެ ފުރުސަތު ލިބި، ނިންމުންތައް ނިންމާނީ ވޯޓަކުން ގިނަ މީހުން އެދޭ ގޮތަށް ކަމަށް އެއްބަސްވެއްޖެ އެވެ. މި އައު ބަދަލާއެކު ކުރީން އެކެއްގެ އަތުގައި އޮތް ބާރު، އެންމެންގެ އަތަށް ބަދަލުވީ އެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަ އެވެ. މައްސަލަތަކަށް އަނެއްކާވެސް ފުރިހަމަ ހައްލެއް ނުލިބުނެވެ. އެއްކަހަލަ ކަމެއްގައިވެސް އެކިގޮތަށް މަޖިލީހުގެ ނިންމުންތަށް އަންނާން ފެށި އެވެ. މީހުންގެ ދެބަސްވުންތައް އިތުރުވާން ފެށުމުން، އެންމެންނަށް ހަމަހަމަކަމާއި އިންސާފުން ކަންކަން ހިންގުމުގެ ހިޔާލު އުފެދި، ގާނޫނުތަކެއް ބޭނުންވާކަން އެމީހުންނަށް ފާހަގަވި އެވެ. އެހެންކަމުން ގާނޫނުތައް ލިޔެ ރައްކާކުރާނެ ވަކި ބަޔަކު އެ މަޖިލީހުގައި ހިމެނި އެވެ. އެ މީހުންގެ މަސައްކަތަކީ، މަޝްވަރާގެ މަޖިލީހުން އެއްބަސްވާ ކަންކަން ލިޔެ ރެކޯޑު ކުރުމެވެ. އެގޮތުން އެންމެންގެ ހައްގުތައްވެސް ރައްކާތެރި ކުރާނެ ގާނޫނުތަކެއް ލިޔުމަށް ދުވަސްތަކެއް ހޭދަކުރި އެވެ.

ދުވަހެއް ދުވަހަށް އާބާދީ އިތުރުވަމުން ދިޔަ އެވެ. މަޖިލީހުގައި ހަމައެކަނި ދުވަސްވީ މީހުންގެ އިތުރުން ޒުވާނުންވެސް ބައިވެރިވާން ފަށައިފި އެވެ. މީގެ ސަބަބުން ހިޔާލުތައް ގިނަވެ، މަޖިލިސްތެރޭގައި އެކި ބައިތައް އުފެދެން ފެށި އެވެ. އަދި އެއްބަޔަކު އެއްވެ ޤާނޫނުތަކަށް ބަދަލުގެނެސް އަނެއް ބަޔަކަށް ޖެއްސުންކުރަންވެސް ފެށި އެވެ. އެހެންވެ މިހާރަށްވުރެ ރަނގަޅަށް އިންތިޒާމު ކުރެވިފައިވާ ހިންގުމުގެ ނިޒާމެއް ބޭނުންވާކަން އެމީހުންނަށް ފާހަގަވިއެވެ.

އެގޮތުން މަޝްވަރާގެ ޖަލްސާއެއްގައި، ގާނޫނުތަކަށް ފާރަވެރިވާނެ ބަޔަކު އައްޔަނުކުރަން ޒުވާނަކު ހުށަހެޅި އެވެ. އެއީ މަޖިލީހުގެ އެއްބަޔަކު އެކުވެ ގާނޫނަކަށް ގެންނަ ބަދަލަކުން ބައެއްގެ ހައްގުތަކަށް އުނިކަމެއް އަތުވެދާނެތީ އެވެ. އަދި ގާނޫނު މާނަކުރުމާއި ތަންފީޒުކުރުމުގައި ހިލާފު އެފެދުމުން އެކަމަށް ހައްލު ހޯދާނީ އެ ގާނޫނީ ފާރަވެރިންކަމުގައި ފާސްކޮށްފި އެވެ.

މާގިނަ ދުވަހެއްނުވެ އިތުރު ގޮންޖެހުމެއް އަނެއްކާވެސް ކުރިމަތިވެއްޖެ އެވެ. މަޝްވަރާ މަޖިލީހުގެ މަސައްކަތްތައް އިތުރުވެގެން ދިއުމުން، އާންމުންނަށް ބޭނުންވާ އެކި ހިދުމަތްތައް ފޯރުކޮށްދިނުން ދަތިވެ، ޝަކުވާތައް ގިނަވެއްޖެ އެވެ.

މިމައްސަލައިގައި އާންމުންނާއި މަޝްވަރާކުރުމަށްފަހު މަޖިލީހުން ނިންމި ގޮތަކީ، އާންމުންގެ ފަރާތުން އިސް އެކަކު އައްޔަނުކުރުމެވެ. އެއީ ހުރިހާ ރައްޔިތުންގެ ފަރާތުން ކަންތައްތައް ހިންގުމުގެ ބާރާ އެކު އެވެ. އޭނާގެ މަސައްކަތްތަކާއި ޒިންމާތައް އަތުރާލުމަށް ފަސޭހައަކަށް، އެކި ކަންކަމަށް މީހުން އައްޔަނު ކުރުމުގެ ބާރުވެސް އޭނާއަށް ދީފި އެވެ. އޭނާއަކީ ރައްޔިތުންގެ އެންމެ އިސް ހާދިމެވެ.

މި ނިންމުންތަކުގެ ސަބަބުން މުޅި ރައްޔިތުންގެ ބާރު ހިންގުމަށް 3 ބައި އުފެދުނީ އެވެ. އެއީ ރައްޔިތުންގެ ކަންކަން ރަވާ ހިންގުމުގެ ބައި -- ގާނޫނު ހަދާ ބައި، ގާނޫނުތަކަށް ފާރަވެރިވާ ބައި އަދި ތަންފީޒުކުރާ ބައެވެ.

ޒުވާން ރާލިޔާގެ އުފެއްދުންތެރި ހިޔާލަކުން ފެށިގެން، އެބައިމީހުން ފަރުމާކުރި ނިޒާމުން ސުލްހަވެރިކަމާއި ފާގަތިކަން ގެނެސްދިނެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއީ ހަގީގީ ބާރު އަބަދުވެސް ރައްޔިތުންގެ އަތުގައި އޮތްކަމުގެ އަސާސްގެ މައްޗަށް ބިނާވެފައިވާ ވިސްނުން އެބައިމީހުންގެ ތެރޭގައި އޮތީމަ އެވެ.

އިސް މަގާމުތަކުގައި ތިބޭ މީހުންނަކީ ރައްޔިތުންގެ ވަގުތީ ބަލަދުވެރިން އަދި ހާދިމުން ކަމުގައި އެމީހުން ގަބޫލުކުރާތީ އެވެ. އެއްބައެއްގެ ގޮތުގައި ކުރިއަށް ދެވޭނީ އެންމެންގެ ހިޔާލާ މަޝްވަރާވެސް އަޑުއަހައިގެން ކަމުގައި އެމީހުން ދެކޭތީ އެވެ. އެމީހުންގެ އަޒުމަކީ، އައު ގޮންޖެހުންތަކާ ކުރިމަތިލާއިރު، މުޖުތަމައުގެ އަސާސީ މިންގަނޑުތައް ނުގެއްލޭނެ ގޮތަށް އާ ބަދަލުތަކާއިއެކު ކުރިއަށް ދިއުމެވެ.