ރާއްޖޭގެ ގައުމީ ޓީމުންް ކުޅުންތެރިންނަށް ފުރުސަތު ދިނުމުގައި ވަކި ކްލަބެއްގެ ކުޅުންތެރިއަކަށް އަދި ވަކި ކުޅުންތެރިއަކަށް ހާއްސަ ގޮތެއް ނޯންނާނެ ކަމަށް ގައުމީ ޓީމުގެ އާ ކޯޗު ބަލްގޭރިއާގެ ވެލީޒާ ޕޮޕޯފް މިއަދު ބުނެފި އެވެ.
ގައުމީ ޓީމާ ހަވާލުވުމަށް ފަހު، ފުރަތަމަ ފަހަރަށް މިއަދު މީޑިއާއާ ވާހަކަދައްކަމުން ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު ޕޮޕޯފް ބުނީ ނިއުގެ ބައެއް ކުޅުންތެރިންނަށް އޭނާ "ހާއްސަ ގޮތްތަކެއް" ގެންގުޅޭނެ ކަމަށް ބަޔަކު ހީކުރި ނަމަވެސް، ވަކި ކްލަބެއްގެ ކުޅުންތެރިއަކަށް ނުވަތަ ވަކި ކުޅުންތެރިއަކަށް އޭނާ ހާއްސަ ގޮތެއް ނޯންނާނެ ކަމަށެވެ.
"މީހުންނަށް ހީވެދާނެ ނިއު އަށް އަހަރެން ކޯޗުކޮށްދިނީމަ އަހަރެން ނިއުގެ ކުޅުންތެރިންނަށް އިސްކަންދޭނޭ. އެގޮތަށް އެކަމެއް ނުވާނެ. އަހަރެން ނުބަލާނަން ވަކި ކްލަބެއްގެ ކުޅުންތެރިއަކަށް ނުވަތަ ވަކި ކުޅުންތެރިއަކަށް. ނިއުގެ ކުޅުންތެރިއެކޭ އެހެން ޓީމެއްގެ ކުޅުންތެރިއެކޭ މިހާރު އަހަންނަށް ވާނީ އެއްވަރު،" ނިއު އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ޕޮޕޯފް ބުންޏެވެ. "އަހަރެން ނުބަލާނަން ކުޅުންތެރިއެއްގެ ޖޯޒީގެ ފުރަގަހުގައި ޖަހާފައިވާ ނަމަކަށް. އަހަރެން ބަލާނީ ކުރިމައްޗަށް."
ޕޮޕޯފް ވަނީ 2013 ވަނަ އަހަރު ނިއު އަށް ކޯޗުކޮށްދީ، އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. ޕޮޕޯފްގެ އިރުޝާދުގެ ދަށުން ނިއު އިން އެ ސީޒަންގެ ދިވެހި ލީގާއި އެފްއޭ ކަޕް ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އަދި އެ އަހަރުގެ އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލް އިން ނިއު އިން ޖާގަ ހޯދި އެވެ.
ދެހާސް ތޭރަ ވަނަ އަހަރުގެ ސީޒަންގައި ބާކީ އެއް މުބާރާތް އޮއްވައި، ޕޮޕޯފް ނިއު ދޫކޮށްލީ އޮމާންގެ ކްލަބެއްގެ ކޯޗުކަމާ ހަވާލުވުމަށެވެ. އޮމާންގެ އަލް ސުރް އަށް ކޯޗުކޮށްދިނުމަށް ފަހު، މިދިޔަ އަހަރު ޕޮޕޯފް ކޯޗުކޮށްދިނީ ތައިލޭންޑްގެ ފުރަތަމަ ޑިވިޝަންގެ ކްލަބަކަށެވެ.
ޕޮޕޯފް ބުނީ ރާއްޖޭގެ ގައުމީ ޓީމަށް ކޯޗުކޮށްދިނުމުގެ ފުރުސަތު ލިބުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މިއީ އޭނާ ނަގާ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ވެސް ގަބޫލްކުރާ ކަމަށެވެ.
ޕޮޕޯފް ބުނީ ގައުމީ ޓީމަށް ހަވާލުވުމަށް ނިންމި އެއް ސަބަބަކީ މިހާރު އެފްއޭއެމްގެ ހިންގުމާ ހަވާލުވެ އޮތް ނޯމަލައިޒޭޝަން ކޮމެޓީ އަށް ކުރާ އިތުބާރު ކަމަށެވެ. ހާއްސަކޮށް މިހާރު ނޯމަލައިޒޭޝަން ކޮމެޓީގެ މެމްބަރެއްގެ ގޮތުގައި ހުރި އަލީ އުމަރަކީ އޭނަ ވަރަށް އިތުބާރު ކުރާ މީހެއް ކަމަށެވެ. އަލީ އުމަރަކީ 2013 ވަނަ އަހަރު ޕޮޕޯފްގެ އިރުޝާުދުގެ ދަށުން ނިއު އަށް ކުޅުނު ކުޅުންތެރިއެކެވެ.
"މިހާރު މި އޮތް މެނޭޖްމަންޓަކީ އަހަރެން މި މަގާމާ ހަވާލުވި އެއް ސަބަބު. ހާއްސަކޮށް އަލީ އުމަރު ހުރީމަ. އަލީ އުމަރަކީ އަހަރެން ވަރަށް އިތުބާރު ކުރާ ކުޅުންތެރިއެއް،" ޕޮޕޯފް ބުންޏެވެ. "މީގެ އިތުުރުން ރާއްޖޭގައި އަހަންނަށް އިހުސާސްކުރެވެނީ އަމިއްލަ ގައުމުގައި އުޅުމުގެ އިހުސާސް. ކުޅުންތެރިންނާއި ސަޕޯޓަރުން އަދި މީޑިއާ އަކީ އަހަންނާ ގާތް ފަރާތްތަކެއް. އެހެންކަމުން އަހަންނަށް ވަރަށް ފަސޭހަ ނިންމުމަކަށްވީ މި މަގާމާ ހަވާލުވުން."
ޕޮޕޯފް ބުނީ ގައުމީ ޓީމާ ހަވާލުވީ ޝަރުތުތަކާއެކު ކަމަށާއި އޭގެ އެއް ޝަރުތަކީ ޓީމު ތައްޔާރުކުރަން އެކަށީގެންވާ ވަގުތު އޭނާ އަށް ދިއުން ކަމަށެވެ.
"ބޮޑު މުބާރާތެއްގެ ފެށެން ނުވަތަ މެޗެއް ކުޅެން ހަފުތާއެއް ވީމަ ތައްޔާރުވާން ފެށުމަކީ އަހަންނަށް ކަމުދާ ގޮތެއް ނޫން. އަހަރެން އެ ވާހަކަތައް މެނޭޖްމަންޓާ ދެއްކިން. އަހަރެންގެ ޕްލޭންގައި އޮތީ މަދުވެގެން ހަފުތާއަކު އެއް ފަހަރު ޕްރެކްޓިހެއް ބޭނުން. އަހަންނަށް އެނގޭ ކްލަބުތަކަށް ވެސް ދަތިވާނެކަން ބައެއް ހާލަތްތަކުގައި ކުޅުންތެރިން ދޫކުރަން. އެކަމަކު އަހަރެމެން ކްލަބުތަކާ ވާހަކަދައްކައިގެން، ގޮތްތަކެއް ހޯދާނަން. އެކަށީގެންވާ ވަގުތު ލިބިގެން އަހަންނަށް ވެސް ޓީމުތައް ތައްޔާރުކުރެވޭނީ،" ޕޮޕޯފް ބުންޏެވެ.
ޕޮޕޯފްއާއެކު މަސައްކަތްކުރުމަށް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުންނަށް ހަމަޖައްސާފައިވަނީ މާޒިޔާގެ ކުރީގެ ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) އާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އެވެ.