މެދުއިރުމައްޗަށް ސުލްހަ ގެނެވެން އޮތީ އެމެރިކާގެ ރުހުމާ އެކު ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ރައީސްގެ މަގާމުގައި މި ވަގުތު ހުންނެވި ޑޮނަލްޑް ޓްރަމްޕަކީ މެދުއިރުމަތި ސުލްހަކުރެވިދާލެ ލީޑަރެއް ކަމަށް ދުނިޔެ ގަބޫލުކުރާ ކަމަށްވެސް ސީސީ ވިދާޅުވި އެވެ.
މިސްރުގެ ރައީސް ވިދާޅުވި ގޮތުން ދުނިޔޭގެ ސިޔާސަތުގައި އެމެރިކާގެ ބަރުދަން ބުރަ އެވެ. މިހެން ކަން އޮތުމުން މެދުއިރުމައްޗަށް ދާއިމީ ސުލްހަ ގެނައުމަށް ޓްރަމްޕް ވިދާޅުވާ އެއްޗަކަށް ދުނިޔެ އިންތިޒާރުކުރާ ކަމަށްވެސް ސީސީ ވިދާޅުވި އެވެ.
މެދުއިރުމަތި ދާއިމީ ގޮތެއްގައި ސުލްހަކުރެވޭނީ ދެ ދައުލަތް އުފައްދައިގެން ކަމަށް ސީސީ ވިދާޅުވި އެވެ. އިޒުރޭލަށް ދައުލަތެއް އޮންނަ ފަދައިން ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޣައްޒާގެ ރައްޔިތުން މިސްރާއި އުރުދުންގައި ވަޒަންވެރިކުރުމަށް ޓްރަމްޕް ހުށަހެޅުއްވި ޚިޔާލަށް ސީސީ ވިދާޅުވީ، ފަލަސްތީން މީހުން ދިރިއުޅެނީ އެ މީހުންގެ އަމިއްލަ ބިމުގައި ކަމަށާއި ޣައްޒާ ރައްޔިތުން ވަކި ތަނެއްގައި އާބާދުވާން މިސްރަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.
ޣައްޒާ ދޫކޮށް އެހެން ގައުމަކަށް ހިޖުރަކުރުމަކީ އަމިއްލަ ބިމެއް އޮތް އެއްވެސް ރައްޔިތަކު ހިތުން ރުހޭނެ ކަމެއް ނޫން ކަމަށްވެސް ސީދީ ވިދާޅުވި އެވެ.
އިޒުރޭލާއި ހަމާސްއާ ދެމެދު ސުލްހައިގެ މަޝްވަރާތަކަށް މިސްރުން މަގުފަފިކޮށްދިން ގޮތަށް ޣައްޒާ ރައްޔިތުން އެ މީހުންގެ ބިމުން ފޭބުމަށް ބުއްދިލައިދިނުމަކީ މިސްރު ކުރާނެ ކަމެއް ނޫން ކަމަށްވެސް ސީސީ ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކައިރު މުސްތަގުބަލެއްގައި ޓްރަމްޕާއި ސީސީ ބައްދަލުކުރައްވާނެ އެވެ. އަދި ޓްރަމްޕް ވިސްރަށް ވަޑައިގަތުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޚަބަރުތައް ބުނެ އެވެ.