ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދިޔަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މުރާޖައާކޮށް، އިތުރު 14,000 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ދާއިރާއިން ހާމަކޮށްފި އެވެ.
އަދަދުތައް މުރާޖައާ ކުުރުމާ އެކު މީގެ ދެ އަހަރު ކުރިން އޮކްޓޯބަރު 7، 2023 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހިނގަމުން ދިޔަ ހަނގުރާމައިގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 61,709 އަށް އަރާފަ އެވެ. މި އަދަދުގެ ތެރޭގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި ޝަހީދުވެފައިވާ ކަމަށް ބެލެވޭ މީހުން ހިމެނެ އެވެ.
އަލް-ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ހަސަން އަހްމަދު ވިދާޅުވި ގޮތުގައި ޝަހީދުވި މީހުންގެ ތެރޭގައި 17,881 އަށް ވުރެ ގިނަ ކުޑަކުދިންނާއި، 214 އަށް ވުރެ ގިނަ އަލަށް އުފަންވި ކުދިން ހިމެނެ އެވެ. އަދި 111,588 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު ދެ މިލިއަނެއްހާ މީހުންނަށް ވަނީ އެމީހުންގެ ގެދޮރު ދޫކޮށްލަން މަޖުބޫރުވެފަ އެވެ.
"ގިނަ އާއިލާތަކަކަށް ވަނީ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް 20 ފަހަރަށް ވުރެ ގިނައިން ބަދަލުވާން ޖެހިފައި. މި މީހުން ތިބީ އަސާސީ ހިދުމަތްތައް ވެސް ނުލިބޭ ހާލަތުގައި," ޣައްޒާގެ ސިއްހީ ދާއިރާގެ މަޢުލޫމާތާ ބެހޭ ބައިގެ އިސްވެރިޔާ ސަލާމާ މައުރޫފް ވިދާޅުވި އެވެ.
މީގެ އިތުރުން، 1,000 އަށް ވުރެ ގިނަ ސިއްހީ މަސައްކަތްތެރިންނާއި، 180 ނޫސްވެރިން އަދި 150 މަދަނީ ދިފާއީ މަސައްކަތްތެރިން ވަނީ ޝަހީދުކޮށްލާފައިވާ ކަމަށްވެސް ރިޕޯޓްތަކުގައިވެ އެވެ.