ދުނިޔެ

އިސްރާއީލުގެ އަނިޔާވެރިކަމަށް ޖަވާބުދާރީވާން ޖެހޭ: އީޔޫ

އިސްރާއީލުން ހިސޯރުކޮށްފައިވާ ފަލަސްތީނުގެ ސަރަހައްދުތަކަށް ހަމާސްއިން ރޮކެޓް ހަމަލާއެއް ދިން ކަމަށް ބުނެ، އިސްރާއީލުން ގާޒާއަށް ވައިގެ މަގުން ހަމަލާތަކެއް ދީފި އެވެ. އީޔޫ އިން ވަނީ އިސްރާއީލްގެ އަމަލުތައް ކުށްވެރިކޮށްފަ އެވެ.

މިއަދުގެ ފަތިހުގެ ވަގުތެއްގައި އިސްރާއީލުން ދިން މި ހަމަލާތަކަކީ ހަމާސްގެ ހަތިޔާރު ހަދާ ކާރުހާނާއަކާއި، ބިމުއަޑީގައި ހަދާފައިވާ ޓަނަލް ތަކަކަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާތަކެއް ކަމަށް އިސްރާއީލްގެ ސަލާމަތީ ފަރާތްތަކުން ބުނެ އެވެ.

އިސްރާއީލުން ބުނީ ހަމަލާ ހަމާސް އިން ދިނީ މިދިޔަ ހޮނިހިރު ދުވަހު ހަވީރު ކަމަށް އިސްރާއީލުން ބުނި ނަމަވެސް މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެ އެވެ. މިހަމަލާގައި އިސްރާއީލްގެ އެއްވެސް ތަނަކަށްވެސް އަދި އެއްވެސް މީހަކަށްވެސް ގެއްލުމެއް ނުލިބެ އެވެ.

ވައިގެމަގުން މިއަދު އިސްރާއީލުން ގާޒާއަށް ހަމަލާ ދީފައި މިވަނީ އިސްރާއިލީ ސެކިއުރިޓީ ފޯސަސް (އައިއެސްއެފް) އިން މިދިޔަ ހަފްތާ ދިން ހަމަލާތަކުގައި ފަލަސްތީނުގެ 10 މީހަކު މަރާލާފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ ތެރެއިން އެއް ހާދިސާ އަކީ މިދިޔަ ހުކުރު ދުވަހު އާމުންގެ ކުރިމަތީގައި އައިއެސްއެފްގެ މެމްބަރަކު ފަލަސްތީނުގެ ޒުވާނެއް ކަމުގައިވާ އަންމާރު މުފްލިހް ގަޔަށް ބަޑިޖަހާ މަރާލި ހާދިސާ އެވެ.

އުމުރުން 23 އަހަރުގެ އަންމާރު މަރާލިތަން ދައްކުވައިދޭ ވީޑިއޯ ފުޓޭޖް ސޯޝަލް މީޑިއާގައި އާންމުވެ، ފަލަސްތީން ރައްޔިތުން ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފަ އެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ވަނީ އައިއެސްއެފް އިން އަންމާރު މަރާލީ އާންމުކޮށް މަރުގެ އަދަބުދޭ އުސޫލުން ކަމަށް ބުނެ ވަރަށް ބޮޑަށް އިސްރާއީލްގެ ސަރުކާރު ކުށްވެރިކޮށްފަ އެވެ.

އަންމާރުގެ މަރާއި އިސްރާއީލްގެ އަނިޔާވެރިކަމާ ގުޅިގެން ޔޫރަޕިއަން ޔުނިއަނުގެ ހާރިޖީ ސިޔާސަތުގެ އިސް ވެރިޔާ ޖޯސެފް ބޮރެލް ވެސް ވަނީ ބަޔާނެއް ނެރުއްވާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

މިބަޔާނުގައި ބުނެފައިވަނީ ބައިނައަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތައް ތަހުގީގުކޮށް، އެ އަމަލުތަކަށް ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށެވެ. އިސްރާއީލްގެ ދިފާއުގައި ބަރު ހަތިޔާރު ބޭނުންކުރެވޭނެ ހަމައެކަނި ހާލަތަކީ އިސްރާއީލް ރައްޔިތުންގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވުމުން އެކަނި ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ފަލަސްތީންގެ ގާޒާއާއި، ހުޅަނގު އައްސޭރީއާއި، އިރުމަތީ ޖެރޫސަލަމްގައި އިސްރާއީލުން ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ދީފައިވާ ހަމަލާތަކުގައި ފަލަސްތީންގެ 207 މިއަހަރުގެ މިހާތަނަށް މަރުވެފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ލަފާކުރެ އެވެ.