ދުނިޔެ

ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން 2،000 ކުދިން މަރައިފި

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ "ސޭވް ދަ ޗިލްޑްރަން" އިން ބުނާ ގޮތުން މި މަހު ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 2،000 އަށް ވުރެ ގިނަ ކުދިން ވަނީ މަރާފަ އެވެ.

މިއީ ފާއިތުވެދިޔަ 17 ދުވަހުގެ ހާލަތު ކަމަށް އެ ޖަމާއަތުން ބުނެ އެވެ. އަދި މި ނޫން ގޮތްގޮތުން ވެސް ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްތީންގެ އަވަށްތަކުން ކުޑަކުދިން މަރުވެފައިވާ ކަމަށްވެސް ސޭވް ދަ ޗިލްޑްރަން އިން ބުނެ އެވެ.

އެ ޖަމާއަތުން ބުނާ ގޮތުން ޔަހޫދީ އަސްކަރީ ޖެޓުތަކުގެ ހަމަލާތައް ހުރީ ކުޑަކުދިންނާއި ދުވަސްވީ މީހުން މަރުނުވާ ގޮތަކަށް ނޫނެވެ.

ހަނގުރާމަވެރިންނަށް ހަމަލާދިނުމުގެ ބަދަލުގައި، ޔަހޫދީން ހަމަލާތައް އަމާޒުކުރަނީ އާންމު ރައްޔިތުން އެންމެ ގިނައިން އުޅޭ ސަރަހައްދުތަކަށް ކަމަށް ވެސް އެ ޖަމާއަތުން ތުހުމަތުކުރެ އެވެ.

ސޭވް ދަ ޗިލްޑްރަން އަށް ލިބިފައި ހުރި ހިސާބުތައް ދައްކާ ގޮތުން ޔަހޫދީންގެ ހަމަލާތަކުގައި ހުޅަނގު އައްސޭރިން 17 ކުއްޖަކު މަރުވެފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޔަހޫދީންގެ ހަމަލާތަކަކީ ނަސްލު ނައްތާލުމަށް ދެމުންދާ ހަމަލާތަކެއް ކަމަށް ބުނެވެނީ ހަމަލާތައް ކުޑަކުދިންނަށް އަމާޒުކުރާތީ ކަމަށްވެސް ސޭވް ދަ ޗިލްޑްރަން އިން ބުނެ އެވެ.

ކުޑަކުދިން ހިމާޔަތްކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ސޭވް ދަ ޗިލްޑްރެން އިން ވަނީ ދުނިޔެއަށް ގޮވާލާފަ އެވެ. އެމެރިކާ އާއި ޔޫރަޕުން ވެސް މިކަމަށް ފިޔަވަޅު އަޅައިދިނުމަށް އެދިފައިވެ އެވެ.

ޔަހޫދީ ސިފައިން ދިން ހަމަލާތަކުގެ އިތުރުން އެ ކުދިންނަށް ބޭނުންވާ ކާނާ އާއި ބޭސް ނުލިބުމުގެ ސަބަބުން ވެސް ކުދިން މަރުވެފައިވާ ކަމަށް އެ ޖަމާއަތުން ބުނެ އެވެ.

ޔަހޫދީ ހަމަލާތަކުގައި ބިމާހަމަކޮށްފައިވާ ހޮސްޕިޓަލުތަކުގައި ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ވޯޑްތައް ވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފަ އެވެ. އަދި ކުޑަކުދިންނަށް ބޭސްފަރުވާ ދިނުމަށް ހުރި ބައެއް ސިސްޓަމްތައްވެސް ވަނީ ބޭނުންނުކުރެވޭ ވަރުކޮށްފަ އެވެ.

އޮކްޓޯބަރު ހަތަކުން ފެށިގެން މެދުކެނޑުމެއް ނެތި ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަކީ، ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް ވަދެގަތުމުން ބަދަލުހިފުމަށް ޔަހޫދީ ދައުލަތުން ދެމުންދާ ހަމަލާތަކެކެވެ.

ޔަހޫދީ އަވަށްތަކަށް ހަމާސްއިން ދިން ހަމަލާތަކުގައި 200 އަށް ވުރެ ގިނަ ޔަހޫދީން އަސީރުންގެ ގޮތުގައި ޣައްޒާއަށް ވަނީ ވައްދާފަ އެވެ.

އެމެރިކާ އާއި ޔަހޫދީ ދައުލަތުން ބުނާ ގޮތުން އަސީރުން ދޫކޮށްލަންދެން ހަމަލާތައް ކުރިއަށް ގެންދާނެ އެވެ. އެ ނޫން ގޮތެއްގައި އެއްގަމު މަގުން ޔަހޫދީ ސިފައިން ޣައްޒާއަށް އަރައި ހަމާސްގެ ޒަމާން ދުއްވާލައި އަސީރުން އަނބުރާ ގެންދާނެ އެވެ.