އިޒުރޭލު ސިފައިން ފަލަސްތީންގެ ޣައްޒާ ބަންދުކޮށްފައި އޮތުމުން ކާނެ އެއްޗެއް ނުލިބި އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކު ބަނޑަށް މަރުވެއްޖެ އެވެ. އޭނާގެ ނަމަކީ ހިކުމަތު ރާދު ބަދީރު އެވެ.
ހިކުމަތު ރާދު ބަދީރުގެ ބޮޑުބޭބެ، އަހްމަދު ބަދީރު ބުނި ގޮތުން ކާއެއްޗެއް ލިބޭތޯ އޭނާގެ އާއިލާ އެއްތަނުން އަނެއް ތަނަށް ބަދަލުވަމުން ދަނިކޮށް ކޮއްކޮ ވަރަށް ބޮޑަށް ބަލިވެ މަރުވީ އެވެ. އޭނާއަށް ދޭނެ ރަނގަޅު ފަރުވާއެއް ވެސް އަތުނުޖެހުނު ކަމަށް ބޮޑުބޭބެ ބުންޏެވެ.
އަހްމަދު ބަދީރު ބުނި ގޮތުން ހާލުގައި ޖެހިފައި ތިބީ ހަމައެކަނި ކުޑަކުދިންނެއް ނޫނެވެ. ބޮޑެތި މީހުން އަދި އުމުރުން ދުވަސްވީ އެތައް ބަޔަކު ތިބީ ބަނޑަށް މަރުވާ ހާލުގައި ކަމަށް އޭނާ ބުންޏެވެ.
ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ހިފައިގެންދާ އުޅަނދުތަކަށް، އިޒުރޭލު ސިފައިންނާއި ހައްދުފަހަނައަޅާފައި ތިބި ޒަޔަނިސްޓު ޔަހޫދީންގެ އާންމުން ހުރަސްއަޅައި ހުއްޓުވުމުގެ ސަބަބުން ޣައްޒާއަށް ކާންދޭނެ އިތުރު ގޮތެއް ނެތް ކަމަށް އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުންވެސް ދަނީ ބުނަމުންނެވެ.
ޣައްޒާގައި މަރުވާ ކުޑަކުދިންގެ ތެރޭގައި މިހާރު ގިނައީ ބަނޑަށް މަރުވާ ކުދިން ކަމަށްވެސް އެހީދޭ ޖަމާއަތްތަކުން ބުނެ އެވެ.
ޣާއްޒާގެ އަވަށްތަކުގައި ހާއްސަކޮށް ރަފާހްގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ކާންދޭނެ ރަނގަޅު އެއްޗެއް ނުލިބުމުގެ ސަބަބުން ހަށިގަނޑު މުޅިން ހިކި އަނަރޫފަވެފައި އެތައް ކުދިންނެއް ތިބި ކަމަށް ހަބަރުތަކުންވެސް ބުނެ އެވެ.
ދުނިޔޭގެ ސަމާލުކަމަށް މި ކަންތައްތައް ގެނައި ނަމަވެސް އިޒުރޭލުގެ ހަމަލާތަކާ ހެދި ޣައްޒާގެ ހާލަތަށް ހެޔޮ ބަދަލެެއް ނާދެ އެވެ. ހަނގުރާމަ ހުއްޓާލަންދެން މި ހާލަތު ދިގުދެމިގެން ހިނގައިދާނެ ކަމަށްވެސް އެހީދޭ ޖަމާއަތްތަކުން ބުނެ އެވެ.