ދުނިޔެ

ހޮސްޕިޓަލްގައި ހިންގި ގަތުލްއާންމާއެކު ދުނިޔޭގެ ނަފުރަތު އިޒްރޭލަށް

ފަލަސްތީނުގެ ޣައްޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް އިޒްރޭލު ސިފައިން ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލާ ހިންގި ގަތުލްއާންމުގެ ސަބަބުން ދުނިޔޭގެ ނަފުރަތު އިޒްރޭލަށް އަމާޒުވެއްޖެ އެވެ.

އިޒްރޭލު ސިފައިން ރޭ ހަމަލާދިން ހޮސްޕިޓަލަކީ ޣައްޒާގައި ގެދޮރު ގެއްލިފައިވާ އެތައް ސަތޭކަ ބަޔަކު ހިމާޔަތް ހޯދައިގެން ތިބި ތަނެކެވެ.

ހޮސްޕިޓަލަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 800 އަށް ވަނީ އަރާފަ އެވެ.

މި ހަމަލާގެ ޒިންމާ އިޒްރޭލުން އަޅުވާފައިވަނީ ފަލަސްތީނުގެ އިސްލާމިސްޓް ޖިހާދުގެ ހަނގުރާމަވެރިންގެ ބޮލުގަ އެވެ. ނަމަވެސް ފަލަސްތީނުގެ އިސްލާމިސްޓް ޖިހާދުގެ ހަނގުރާމަވެރިން ވަނީ އެކަން ދޮގުކޮށް އިޒްރޭލުން ހޮސްޕިޓަލަށް ހަމަލާދިނުމަށްފަހު އެކަމުން ރެކެން މަސައްކަތްކުރާ ކަމަށް ބުނެފަ އެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހޮސްޕިޓަލްތައް ހިމާޔަތްކޮށްފައިވާއިރު އިޒްރޭލުން ދިން ހަމަލާ ދުނިޔޭގެ އެކި ގައުމުތަކުން ދަނީ ކުށްވެރިކުރަމުންނެވެ.

ހޮސްޕިޓަލަށް ހަމަލާދީ އިޒްރޭލުން ހިންގި ގަތުލްއާންމު ކުށްވެރިކުރި ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، މިސްރު، ޔޫއޭއީ، އުރުދުން، އަދި ގަތަރު ހިމެނެ އެވެ.

މީގެ އިތުރުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އާއި ޑަބްލިޔުއެޗްސޯ އިން ވެސް ވަނީ ހޮސްޕިޓަލަށް ދިން ހަމަލާ ކުށްވެރިކޮށްފަ އެވެ.

އިޒްރޭލުން ދިން ހަމަލާ ތަހުގީގުކުރުމަށް ގައުމުތަކުން ގޮވާލާފައިވާއިރު ބައިނަލްއަގުވާމީ މުޖުތަމައުއިން އިޒްރޭލާމެދު ފިޔަވަޅު އެޅުމަށްވެސް ބައެއް ގައުމުތަކުން ވަނީ ގޮވާލާފަ އެވެ.