ޕީޕަލްސްގެ ކަޕްގެ ފައިނަލްގައި ރޭ މެލޭޝިއާގެ ޕީޑީއާރްއެމް އަތުން 5-4 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިވިއިރު، މާޒިޔާ އަށް ފައިނަލްގައި ކުރި ނުހޯދުނީ "ނަސީބު ދެރަކަމުން" ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ޕީޑީއާރްއެމް އިން 3-0ގެ ލީޑެއް ނަަގައިފައިވަނިކޮށް، މާޒިޔާ އިން ވަނީ މެޗުގެ ފުރިހަމަ ވަގުުތު ހަމަވުމުގެ ކުރިން ފަހަތުން އަރައި މެޗު އެެއްވަރުކޮށްފަ އެވެ. ޕީޑީއާރްއެމް އިން ކުރި ހޯދީ ދެ ޓީމު އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ 30 މިނިޓުގެ ތެރޭގަ އެވެ.
ސުޒޭން ބުނީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި މާޒިޔާގެ ޒުވާން ޑިފެންޑަރު މުހައްމަދު ސައިފް އަށް ރަތްކާޑު ދެއްކުމުން ދިހަ މީހުންނާއެކު ކުޅެން ޖެހުމަށްވުރެ ބޮޑަށް، މާޒިޔާ މެޗުން ބަލިވީ ނަސީބު ދެރަވުމުން ކަމަށެވެ.
"މި މެޗު މާޒިޔާ އަށް މި ދިޔައީ ވަރަށް ނަސީބު ދެރަކޮށް، ވަރަށް ހިތްދަތިގޮތަކަށް،" މެޗަށް "އަވަސް" އަށް ދިން އިންޓަވިއުއެއްގައި ސުޒޭން ބުންޏެވެ. "ރަތްކާޑަކީ ވެސް މައްސަލައެއް. އެކަމަކު ހަމަ ނަސީބު ދެރަކަމުން މި ބަލިވީ. ލިބުނު ބައެއް ފުރުސަތުތަކުގެ ބޭނުން ނުހިފުނީ."
ސުޒޭން ބުނީ ކުޅުންތެރިން މި މެޗުގައި ދެއްކި ކުޅުމާއި ކުޅުންތެރިންގެ މަސައްކަތާމެދު އެއްވެސް ޝަކުވާއެއް ކުރެވެނެ ނެތް ކަމަށާއި ކުޅުންތެރިންނަށް ތައުރީފް ހައްގު ކަމަށެވެ.
"ކުޅުންތެރިން 100 ޕަސެންޓަށްވުރެ އިތުރަށް ދީފި. ދެ ދުވަހުން އެއް ދުވަހު މެޗެއް ކުޅެންޖެހުނު އިރު، މި މެޗުގައި ކަމްބެކެއް ހަދައި ފައިޓެއް ދިނީމަ، ކުޅުންތެރިންގެ މަސައްކަތް ވަރަށް ރަނގަޅޭ ބުނެވޭނީ،" ސުޒޭން ބުންޏެވެ.
މާޒިޔާ ދެން ތައްޔާރުވާނީ ފިލިޕީންސްގެ ޗެރަސްއާ ދެކޮޅަށް އަންނަ މަހު ކުޅެންޖެހޭ އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗަށެވެ.
ސުޒޭން ބުނީ މި މުބާރާތަކީ އެ މެޗަށް ތައްޔާރުުވުމަށް ލިބުނު ވަރަށް ރަނގަޅު ފުރުުސަތެއް ކަމަށާއި ޕްލޭއޮފް މެޗުން މޮޅުވެ، އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖަށް ކޮލިފައިވުމުގެ އުންމީދު ބޮޑު ކަމަށެވެ.