އާސަންދައިން ފޯރުކޮށްދޭ ބޭހަކީ، އެކި ފިހާރައިން އެކި އަގު ޖަހައިގެން، ނަހަމަ ގޮތުގައި އެއިން ވިޔަފާރިކޮށް، ވަކި ބަޔަކު މުއްސަނދިވާ ވަސީލަތެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނަވައި، ހޭދަކުރެވޭ ކޮންމެ ރުފިޔާއަކީ، ދިވެހި ރައްޔިތެއްގެ ދުޅަހެޔޮކަމަށްޓަކައި ކުރެވޭ ހޭދައަކަށް ބަދަލުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައިދެއްވުމުގެ ގޮތުން މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ގައުމެއް ބިނާކުރުމުގައި އެބައެއްގެ ސިއްހީ ދުޅަހެޔޮކަމަކީ އެންމެ އިސްކަންދޭން ޖެހޭ އެއް އަސާސް ކަމަށާއި، ސިއްހީ ފަރުވާއަށް ބޭނުންވާ މީހުންނަށް، އިތުބާރާއެކު ސިއްހީ ފަރުވާ ލިބޭނެ ނިޒާމެއް، ގާއިމުވެފައި އޮތުން މުހިއްމު ކަމަށެވެ. އެގޮތުން އާސަންދަ ނިޒާމަކީ ހުރިހާ ދިވެހި ރައްޔިތުންނަށް ސިއްހީ ފަރުވާ ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި ހިންގަމުންދާ، ކޮންމެހެން ދަމަހައްޓަންޖެހޭ ނިޒާމެއް ކަމަށާއި، އެ ނިޒާމުގެ އަދުލުވެރިކަމާއި އިންސާފުވެރިކަން ކަށަވަރުވާން ޖެހޭނެ ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ކަންކަން ބެއްލެވިއިރު އާސަންދަ ނިޒާމުން ނާޖާއިޒު ގޮތުގައި ބަޔަކު ފައިދާ ނަގަމުން ދިޔަކަން ޔަގީންކުރެވުނު ކަމަށެވެ. އެހެންކަމުން އާސަންދައިގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ނިމިދިޔަ އަހަރު މުހިއްމު ފިޔަވަޅުތަކެއް އެޅުއްވިކަން ރައީސް ފާހަގަކުރެއްވި އެވެ.
ސަރުކާރުން މިދިޔަ އަހަރު އެޅި ފިޔަވަޅުތަކުގެ ތެރެއިން ބޭހުގެ ބަލްކް ޕްރޮކިއުމަންޓްގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް ގެންނަން ވަނީ ފަށާފަ އެވެ. ބޭހުގެ ޒަމާންވީ ނަހަމަ ވިޔަފާރިއާއި ނިޒާމީ އިސްރާފު، ހުއްޓުވުމަށްޓަކައި 250 ބޭހެއްގެ އަގު ކޮންޓްރޯލް ކޮށްފައިވެ އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ގެނައި ބަދަލުތަކާއެކު، ބައެއް ފަރާތްތަކުން ކަންކުރަން ފެށި ގޮތުން އާންމު ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާން ފެށި ކަމަށެވެ. ނަމަވެސް އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައިނުގެން، އެކަމުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައި، މިއަހަރުގެ ތެރޭގައި އެގޮތުން އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން އިރާދަކުރެއްވިޔާ ކަށަވަރުކުރާނަން. ރައްޔިތުންނަށް އެންމެ ފައިދާ ހުރި އެންމެ އިންސާފުވެރި ގޮތް އަބަދުވެސް އިސްކުރާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެސްޓީއޯގެ ބޭސްފިހާރަތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ބޭހުގެ ނިސްބަތް އިތުރުކޮށް، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުންނަ ކޮންމެ ރައްޔިތަކަށްވެސް އިތުރު ހަރަދެއް ނުވަތަ އިތުރު ދަތުރެއް ކުރަން ނުޖެހި، ފެންވަރު ރަނގަޅު ބޭސް ލިބޭކަން ކަށަވަރުކުރުމަށް މުހިއްމު ހިދުމަތްތަކެއް މި އަހަރުގެ ތެރޭގައި ތައާރަފް ކުރާނެ ކަމަށެވެ. އާސަންދަ ހިދުމަތުގެ ނަންފިލާގަނޑު ހުންނަ ކޮންމެ ބޭސްފިހާރައަކީ ރައްޔިތުންގެ ދުޅަހެޔޮކަމަށް ހިދުމަތްކުރާ ތަނަކަށް ވާކަން ކަށަވަރުކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.