ރާއްޖޭގެ ޑިމޮކްރޮސީގެ ހަޔާތުގައި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހަކީ ފާހަގަކުރާނެ ދުވަހެކެވެ.
މިދުވަސް ފާހަގަކުރެވެނީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި، ޑިމޮކްރެޓިކް ވެއްޓެއްގައި ގިނަ ސިޔާސީ ޕާޓީތަައް އެކުޅެވޭ ނިޒާމެއްގެ ތެރެއިން އުފެދުނު ގާނޫނީ ސަރުކާރު "ގޮތްނޭނގޭ ގޮތަކަށް" ބަދަލުވި ދުވަހަށް ވާތީ އެވެ. ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން އަދި އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަދަލުވީ ފެބްރުއަރީ 7 ގައެވެ.
ރާއްޖޭގައި 2008 ވަނަ އަހަރު ބޭއްވި ފުރަަތަމަ މަލްޓިޕާޓީ އިލެކްޝަން ކާމިޔާބު ކުރެއްވި ރައީސް ނަޝީދުގެ ވެރިކަން 2012 ގައި ކުއްލިއަކަށް ނިމުމުން އެއްބަޔަކަށް އެކަންވީ ބާޣާވާތަކަށެވެ. އެމްޑީޕީގެ ބޮޑުންނާ އެޕާޓީއަށް ތާއީދުކުރާ އާންމު މެންބަރުންވެސް އެދުވަސް ސިިފަކުރަނީ ބަޣާވާތެއް ކޮށްގެން ގާނޫނީ ވެރިކަމެއް ވައްޓާލި ދުވަހެއްގެ ގޮތުގައެވެ. ރައީސް ނަޝީދުވެސް ތަކުރާރުކޮށް އެގޮތަށް ވާހަކަދައްކަވާފައިވެ އެވެ.
ރައީސް ނަޝީދުގެ ވެރިކަން 7 ފެބްރުއަރީގައި ބަދަލުވުމާއެކު އެމްޑީޕީން "ބާޣީން"ގެ ގޮތުގައި ދެކޭ ބަޔަކުވެސް އެބަތިއްބެވެ. އެމްޑީޕީގެ ކޮންމެ ހަރަކާތެއްގައި އެ ބަޔަކަށް "ބާޣީންނަށް" ގޮވުންވެސް ގޮވަ އެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިތާ މިއަދަށް 13 އަހަރު ފުރުނުއިރު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ވެސް ބަޣާވާތުގެ މަތިން ހަނދާންކޮށްދީ އެދުވަހުގެ ވާހަކަ އަނެއްކާވެސް މިވަނީ ދައްކަން ފަށާފަ އެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް އެމްޑީޕީން ކޮންމެ ގޮތަކަށް ސިފަ ކުރި ނަމަވެސް އެ ޕާޓީއާ ވިސްނުން ތަފާތު މީހުން ދެކޭ ގޮތުގައި 7 ފެބްރުއަރީ އަކީ ދިވެހި ގައުމާއި އިސްލާމްދީނަށް ލިބުނު ނަސްރެކެވެ. އެމްޑީޕީއާ ފިކުރު ދިމާ ނުވާ މީހުން ދެކޭ ގޮތުގައި ފެބްރުއަރީ 7، 2021 އަކީ ގައުމު ހަލާކޮށްލައި، ދީނަށް ފުރައްސާރަ ކުރި ބައެއްގެ އަތްމަތިން ގައުމު މިނިވަންކުރެވުނު ދުވަހެވެ.
ރައީސް ނަޝީދާ ހިޔާލު ތަފާތުވާ މީހުން ދެކޭ ގޮތުގައި އެމަނިކުފާނުގެ ވެރިކަން ބަދަލުވީ ބަޔަކު ބަޣާވާތެއް ކޮށްގެންނެއް ނޫނެވެ. ނަޝީދުގެ ވެރިކަން ބަދަލުވީ އެމަނިކުފާނަށް ވެރިކަން ކުރަން އެނގިވަޑައިނުގަތުމުން އަމިއްލަ އިހްތިޔާރުގައި ކަމަށްވެސް ނަޝީދާ ހިޔާލު ތަފާތުވުމާ މީހުން ދެކެވެ. އެކަމަކު ރައީސް ނަޝީދުގެ ސަޕޯޓަރުން ދެކޭ ގޮތުގައި އެމަނިކުފާނު އިސްތިއުފާ ދެއްވީ ބޮލުގައި ބަޑި ޖެއްސުމަށްފަހު އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެެއްވަމުން އެ ދުވަހު ރައީސް ނަޝީދު ވިދާޅުވީ އިސްތިއުފާ ދެއްވީ އެމަނިކުފާނު އިތުރަށް ރައީސް ކަމުގެ މަގާމުގައި ދެމި ހުންނަވައިފިނަމަ ދިވެހި ރައްޔިތުންނަށާއި ދިވެހި ގައުމަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ކޮންމެ ގޮތަކަށް ކަމަށްވީ ނަމަވެސް އެ ހާދިސާ ތަހުގީގު ކުރި މިނިވަން ރިޔާސީ ކޮމިޝަނުން އެކުލަވާލި "ކޯނީ" ރިޕޯޓުގައި ވަނީ އެއީ ބަޣާވާތެއް ނޫން ކަމަށް ކަނޑައަޅާފަ އެވެ.
ކޯނީ ރިޕޯޓުގައި ބުނެފައިވަނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާ ހިލާފު މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް ނެތް ކަމަށެވެ. އަދި އޭރުގެ ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމުގެ ގާނޫނީ ހުވާ ކުރެއްވީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އެ ރިޕޯޓުގައި ކަނޑައަޅާފައިވެ އެވެ.