ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެކުގައި ބޭއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނުބާއްވައި އެއްބުރުން ވެރިކަމުގެ ދެވަނަ ދައުރެއް ހޯދުމަށް މަގުކޮށުމަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ތުހުމަތު ކުރައްވައިފި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެކުގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް އާންމު ވޯޓަކަށް ދާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ އިއުލާންކުރައްވާފަ އެވެ. އަދި އެކަމާ ގުޅިގެން ގާނޫނުއަސާސީއަށާއި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.
މިކަމާ ގުޅިގެން އުމަރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެންމެ ބޮޑު ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ބޭނުންވަނީ ހަރަދު ކުޑަކުރުމަށް ކަމަށް ބުނި ނަމަވެސް އެއީ އެ ބޭނުމުގައި ކުރާ ކަމެއް ނޫން ކަމަށެވެ.
"މީގެ ފަހަތުގައި ފޮރުވިފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު އުނިކުރުމެވެ. އެންމެ ބުރެއްގެ ވޯޓުން ވެރިޔަކު ހޮވުމެވެ. މި ވާހަކަ ދެކެވޭ ބަދަލު ޑްރާފްޓް ކޮށްގެން ނިކުންނައިރު އޮންނާނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު އުނިކޮށްފަ އެވެ،" ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފައިވާ އުމަރު ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އުމަރު ވިދާޅުވީ ބޮޑު ދެ އިންތިހާބު އެއްކޮޮށްލުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ މިހާތަނަށް އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފައި ނުވާތީ އެ ފުރުސަތު ފަސޭހަ ގޮތަށް ހޯދުމަށް ކަމަށެވެ.
ރައީސަކު ވެރިކަމަށް އަންނަންވާނީ މަދުވެގެން ދެބައިކުޅަ އެއްބައި މީހުންގެ ރުހުން ލިބިގެންނެވެ. ވޯޓަކުންނެވެ. އެހެން ނޫނީ ހުރިހާ އެންމެންގެ މައްޗަށް ވެރިކަން ކުރުމުގެ ހައިސިއްޔަތު އެ މީހަކަށް ގެއްލިގެންދާނެ އެވެ. މި މަފްހޫމް ދިފާއުކޮށް ސާފު އަޣުލަބިއްޔަތަކުން މެނުވީ ރައީސަކު ވެރިކަން ކޮށްގެން ނުވާނެ ކަމަށް ބުނެ އަޅުގަނޑުމެން އެންމެން އަޑުއުފުލަންވާނެ އެވެ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނުއަސާސީއަށް މިދިޔަ އަހަރު މިސަރުކާރުން ގެނައި އިސްލާހާ ގުޅިގެންވެސް މަޖިލިސް މެންބަރުންގެ ބާރު ކެނޑިގެން ގޮސްފައިވާ ކަމަށެވެ.
"މިހާރު މި ވާހަކަ ދެކެވޭ ބަލަދުން ރައްޔިތުންގެ ބާރު ކެނޑި، 25 ޕަސަންޓް ވޯޓު ލިބިގެންވެސް ވެރިކަމުގައި ހުރުމުގެ ފުރުސަތު ލިބިދޭނެ އެވެ. ވެރިކަން ކުރަންވާނީ ސާފު އަޣުލަބިއްޔަތެއް ލިބިގެންނެވެ،" ގާނޫނުއަސާސީއަށް އަލަށް ހުށަހަަޅަން ތައްޔާރުވަމުންދާ އިސްލާހުތަކަށް އިޝާރާތް ކުރައްވާ އުމަރު ވިދާޅުވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ މަކަރުވެރިކަމާއި ހީލަތްތެރިކަމާ އެކު ހުރިހާ ކަމެއް ކުރުން މިސަރުކާރުގައި އަށަގަނެފައިވާ ކަމަށެވެ. އެންމެފަހުން ގާނޫނުއަސާސީ އަށް ގެނައި ބަދަލުގައިވެސް ދެއްކީ "ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭނެ" ވާހަކަ ކަމަށާއި ނަމަވެސް ނިމިގެން ދިޔައިރު ވަނީ ޕާޓީން ވަކިކުރުމުންވެސް ގޮނޑި ގެއްލޭ ގޮތަށް ހިމަނައި ފާސްކޮށްފައި ކަމަށްވެސް އުމަރު ވިދާޅުވި އެވެ.