ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަގާމަށް އައްޔަނުކުރެއްވި މުހައްމަދު އަނަސްއަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕީސީބީގެ ރައީސްގެ މަގާމަށް އަނަސް އައްޔަންކުރެއްވީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.
ޕީސީބީގެ ރައީސްގެ މަގާމަށް އަނަސް އައްޔަންކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 82 މެންބަރުންގެ އިއްތިފާގުންނެވެ.
އަނަސް އަކީ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން މާސްްޓަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ހާޓްފުޑްޝާ އިން އެކައުންޓިން ދާއިރާއިން ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
އަނަސް ވަނީ މިސަރުކާރުގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮޑިޓް މެނޭޖަރުކަމާއި ފިނޭންސް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު ފުރުއްވާފަ އެވެ. މީގެއިތުރުން މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރައްވާފައިވެ އެވެ.