ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި ފަސް މެންބަރުންނާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީގެ މެންބަރު ކަމަށް ރައީސް މުއިއްޒު އައްޔަންކުރައްވާފައިވާ މެންބަރުންނަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ފޮނުވީ މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ.
ޕީސީބީއަށް އައްޔަންކުރުމަށްފަހު ރުހުން ހޯދުމަށް ފޮނުވި މެންބަރުން
- ހަމްދީ އަގީލް، ހ. ރަންގަލި 4 - ޕީސީބީގެ ރައީސްކަމަށް
- ހަސަން ޒަރީރު، ހުޅުމާލެ ފްލެޓް 06-ޖީ-139 އިކޮނޮމިކްސް ދާއިރާ
- އަހުމަދު މުޝްތާގު، ދަފްތަރު ރސ 4652 - އެކައުންޓިން އަދި ފައިނޭންސިންގެ ދާއިރާ
- ލީނާ އަބްދުލް ޖަލީލް، މ. ބްލޫއޯޝަން - ބޭންކިންގެ ދާއިރާ
- މޫސާ ފަތުހީ އާދަމް، ރަންކޮކާގެ، ށ. ކޮމަންޑޫ - ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ
ޕީސީބީގެ ރައީސް އަދި މެންބަރު ކަމަށް އައްޔަންކުރެއްވި ބޭފުޅުންނާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއްވާނަމަ އަންނަ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ ޝަކުވާއެއް އެސްއޯއީ ކޮމިޓީއަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހެޅުމަށް މަޖިލީހުގެ އިދާރާއިން ވަނީ އެދިފަ އެވެ.