ހަބަރު

ދިރާގުގެ ސަބްމެރިން ކޭބަލްގެ ކޮޅު އުސްފަސްގަނޑަށް ބަދަލު ކުރަނީ

މާލެއާ ގުޅިފައިވާ ލޭންޑިން ޕޮއިންޓުތައް ބްރިޖްގެ މަސައްކަތް ކުރަމުންދާ ސަރަހައްދުގައިވާ ބީޗް މޭންހޯލްއާ ދިމާވާތީ އެ ކޭބަލްތައް އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ މަސައްކަތް ދިރާގުން ފަށައިފި އެވެ.

ދިރާގުން ބުނީ ތިމާވެށްޓަށް ކޮށްފާނެ އެންމެހާ ނޭދެވޭ އަސަރުތައް ދިރާސާ ކުރުމަށް ފަހު، ހުޅުލެ އާއި ވިލިމާލެއިން މާލެއާއި ގުޅޭ ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލް ސިސްޓަމްގެ ލޭންޑިން ޕޮއިންޓް އަޅައިފަވަނީ މިހާރު މާލެއާއި ހުޅުލެ އާއި ދެމެދު އަޅާ ބްރިޖްގެ މަސައްކަތް ކުރަމުންދާ ސަރަހައްދުގައި ކަމަށާއި އެހެން ކަމުން އެ ކޭބަލްތައް އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފަވާ ކަމަށެވެ.

އެގޮތުން ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން، މި ބީޗް މޭންހޯލް މިހާރު ހުރި ސަރަހައްދުގެ ހުޅަނގަށް، އުސްފަސްގަނޑު ސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިފަވާ ކަމަށާއި މިމަހުގެ ނިޔަލަށް މަސައްކަތް އެކީ ނިންމާލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

މި މަސައްކަތާއި ގުޅިގެން ހައުސިން މިނިސްޓްރީގެ ނައިބު އަބްދުﷲ މުއްތަލިބް ވިދާޅުވީ، ރާއްޖޭގެ ތަރައްގީގެ ވަރަށް މުހިންމު މަޝްރޫއެއް ކަމަށްވާ ބްރިޖްގެ މަސައްކަތް އެސަރަހައްދުގައި ވަރަށް ބާރު ސްޕީޑުގައި ކުރިޔަށްދާއިރު، މިނިސްޓްރީގެ އެދުމުގެ މަތިން ދިރާގުން ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ވަރަށް ފުރިހަމައަށް އެ މަސައްކަތް ކޮށްދެއްވަމުންދާ ކަމަށެވެ.

ދިރާގުން އެމަސައްކަތް، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ސޮލިއުޝަންސް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ފުންނާބު އުސް ކުންފުންޏެއް ކަމަށްވާ "ހުއާވޭ" އާއި ހަވާލުކުރެވިފައިވާއިރު، އެ ކުންފުނިން ވަނީ މި މަސައްކަތަށް ހާއްސަ ބޯޓު އެ ސަރަހައްދަށް ގެނެސް މަސައްކަތް ފަށާފައެވެ.