އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލް ލީގުގެ ތަށި ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ހުރަސްއެޅިއްޖެ އެވެ.
ރޭ އެވަޓަންގެ ގުޑިސަން ޕާކްގައި ކުޅުނު މެޗުން އެވަޓަން އާއި 2-2 އިން އެއްވަރުވުމާއެކު، އެއްވަނައިގައި 9 ޕޮއިންޓުގެ ލީޑެއް ހޯދުމަށް އޮތް ފުރުސަތު ލިވަޕޫލްއަށް ވަނީ ގެއްލިފަ އެވެ.
މާސީސައިޑް ޑާބީގައި އެވަޓަންގެ ބެޓޯ ވަނީ 11 ވަނަ މިނެޓްގައި އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އެހެންނަމަވެސް މުހައްމަދު ސަލާހުގެ ރީތި ކްރޮސް ބޯޅައަކުން އާޖެންޓީނާގެ އެލެކްސިސް މެކަލިސްޓާ ވަނީ ފަސް މިނެޓް ފަހުން މެޗު އެއްވަރުކޮށްފަ އެވެ.
ދެވަނަ ހާފުގައި ލިވަޕޫލްގެ ސަލާހު ވަނީ 73 ވަނަ މިނެޓްގައި އެ ޓީމަށް ލީޑު ހޯދައިދީފަ އެވެ. ނަމަވެސް މެޗު ނިމުމަކަށް އައުމުގެ ކުރިން، 90 ވަނަ މިނެޓްގައި ޖޭމްސް ޓާކޯސްކީ ވަނީ އެވަޓަންގެ ދެވަނަ ލަނޑު ޖަހައި، މެޗު އެއްވަރުކޮށްދީފަ އެވެ.
ލިވަޕޫލުން 24 މެޗުން 57 ޕޮއިންޓް ހޯދާފައިވާއިރު، އާސެނަލް ދެވަނައިގައި 50 ޕޮއިންޓާއެކު އޮތްއިރު، އެވަޓަން އޮތީ 27 ޕޮއިންޓާއެކު 15 ވަނައިގަ އެވެ.
މެޗު ނިމުމަށްފަހު ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން އެވަޓަންގެ ޑޫކޫރޭ އާއި ލިވަޕޫލްގެ ޖޯންސްއަށް ރަތް ކާޑު ދައްކާފައިވެ އެވެ. އަދި ލިވަޕޫލްގެ ކޯޗު ސްލޮޓް އާއި އޭނާގެ އެސިސްޓަންޓް ހަލްޝޮފްވެސް ވަނީ ދަނޑުން ބޭރުކޮށްފަ އެވެ.
ލިވަޕޫލްގެ ކޯޗު ސްލޮޓް ވަނީ މެޗުގެ ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ހާއްސަކޮށް އެވަޓަންގެ ދެވަނަ ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް ބުނެ ފާޑުކިޔާފަ އެވެ.